އިންސާނީ އަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ދުނިޔެ ހޭލުންތެރިކުރުވުމުގެ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާކުރަން ފަށައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޅި ދުވަހަށް ދެމިގެންދާ ގޮތަށް ކުރިއަށްދާ މުޒާހަރާތަކަކީ ޒުވާނުންނާ ކިޔަވާ ކުދިން ބައިވެރިވާ މުޒާހަރާއެކެވެ. މި މުޒާހަރާގައި ބައިވެރިވުމުގެ އިޒުނަ، ގިނަ ސްކޫލްތަކަކުންވަނީ ސްކޫލްތަކުގެ ދަރިވަރުންނަށް ދީފައެވެ.

މި މުޒާހަރާތަކަށް ގޮވާލާފައިވަނީ މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކެމްޕޭން ކުރަމުންދާ ހަގު އެކްޓިވިސްޓް ގްރެޓާ ތުންބާގްއެވެ.

އެމެރިކާގެ ނިއު ޔޯކްގައި ކުރިއަށް ގެންދާ މުޒާހަރާގައި ގްރެޓާ ތުންބާގް ބައިވެރިވާނެ ކަމަށް ޚަބަރު ލިބެއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާ ކުރަމުންދާ މި ދަނޑިވަޅަކީ، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކަކާ މުޅި ދުނިޔެވެސް ކުރިމަތިލާފައިވާ ދަނޑިވަޅެކެވެ. ދުނިޔޭގެ އެންމެ އިރުމަތިން އޮސްޓްރޭލިއާއަށް ބަލާއިރު ދުނިޔޭގެ އެންމެ ބޮޑު ގުދުރަތީ ފަރު ނުވަތަ ގްރޭޓް ބެރިއާ ރީފްގެ ބޮޑު ބައެއް ހަލާކުވެ، އެތައް މިލިއަން ދިރުންތަކަކަށް އެކަމުގެ ގެއްލުންތައް ދަނީ ކުރިމަތިވަމުންނެވެ. ދެކުނު އިރުމަތީ އޭޝިއާއަށް ބަލާއިރު ތާރީހު ނުދެކޭ ފަދަ މިންވަރަކަށް ދުންބޯވެ ވައިގެ ތަޣައްޔަރުވުމުގެ މައްސަލަތައް ވަނީ ފެންމަތިވެއެވެ. ގަވައިދާ ޚިލާފަށް ރޯކުރަމުންދާ އަލިފާންގަނޑުތަކުގެ ސަބަބުން ސިންގަޕޫރާ މެލޭޝިއާ ފަދަ ގައުމުތަކުގެ ވައި، މިދުވަސްވަރު ވަނީ އިންތިހާއަށް ތަޣައްޔަރުވެފައެވެ. އިރުމަތީ އޭޝިއާ ގައުމުތަކަށް މިހާރު ކުރިމަތިވެފައިވާ ވައި ތަޣައްޔަރުވުމުގެ މައްސަލައިގެ އެންމެ ބޮޑު ޒިންމާއެއް އުފުލަންޖެހޭ އެއް ގައުމަކީ އިންޑޮނޭޝިއާއެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް މޫސުމީ ބޮޑެތި ބަދަލުތަކެއް އައިސް އެއްބައި ގައުމުތަކަށް އާދަޔާ ހިލާފު ހަނަފަސްކަން ނުވަތަ އާދަޔާ ހިލާފަށް ވިއްސާރަވެ ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދާއިރު ޕެސިފިކްގެ ގައުމުތަކަށްވެސް މޫސުމީ ނޭދެވޭ ބަދަލުތަކުގެ ނުރައްކާ ވަނީ އިންތިހާއަށް ކުރިމަތިވެފައެވެ.