'ކުރޮސް ރޯޑް މޯލްޑިވްސް' ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހުޅުވައިދެއްވައިފިއެވެ.

މިރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު މެންދުރުފަހު ކްރޮސްރޯޑް މޯލްޑިވްސްގައެވެ. ކުރޮސް ރޯޑް މޯލްޑިވްސް އަކީ ގިނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭގޮތަށް އެނބޫދޫ ފަޅުގައި ތަރައްގީކޮށްފައިވާ މަތީ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދޭ ތަނެކެވެ. މި ރިސޯޓް ހުޅުއްވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ އެއްވެސް ބިޔަ މަޝްރޫއަކީ ނުވަތަ ތަސައްވުރަކީ ރާއްޖޭގައި ހާސިލުނުކުރެވޭ ވަރުގެ ކަންކަމެއް ނޫން ކަމަށެވެ. އަދި މިސަރުކާރުން ދުނިޔޭގެ އެކި ގައުމުތަކުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓުކުރުމަށް ފުރުސްތު ފަހިކޮށްދީފައިވާ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ މުސްތަގްބަލު އުޖާލާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ އިތުރުބާރަކަށް ވެގެންދާނެކަމަށެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ކުރޮސްރޯޑަކީ ހަމައެކަނި ފަތުރުވެރި ރިސޯޓެއްގެ ހިދުމަތްތަކަށްވުރެ ފުޅާދާއިރާއެއްގައި ހިދުމަތްދޭ ތަނެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ތާރީހާއި ސަގާފަތް ދައްކުވައިދޭ އެތައް ކަމެއް އޭގެތެރޭގައި ހިމެނޭކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކުރޮސްރޯޑްގައި ހުންނަ ޑިސްކަވަރީ ސެންޓަރަކީ ރާއްޖޭގެ ތިމާވެއްޓާބެހޭ ގިނަ މައުލޫމާތުތަކެއް ލިބިދޭނެ ތަނެއްކަމަށާއި ކުރޮސް ރޯޑުގެ ސަބަބުން އެތައް ޒުވާނުންނަކަށް ވަޒީފާގެ ފުރުސްތު ލިބިގެންދާނެކަމަށްވެސް ނައިބު ރައީސް ފާހަނގަކުރެއްވި އެވެ.