ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ހުޅުވާލި މި ޕްރޮގްރާމް ނިމޭނީ 2020 ވަނަ އަހަރު ސެޕްޓެމްބަރު 18 ވަނަ ދުވަހެވެ. މި ރެގިއުލަރައިޒޭޝަން ޕްރޮގްރާމަކީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދަނެތި، ނުވަތަ ހުއްދައެއް އޮތް ނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ސައްހަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން ވަޒީފާ ދޭނެ ފަރާތެއް ލިބި، ރެގިއުލަރައިޒްވާން އެދޭ ބިދޭސީން ރެގިއުލައިޒް ކުރުމަށް ހުށަހަޅާނީ 'އެކްސްޕެޓް އޮންލައިން ސިސްޓަމް' މެދުވެރިކޮށް ވަޒީފާދޭ ފަރާތުންނެވެ. ވަޒީފާ ދޭނެ ފަރާތެއް ނެތް ބިދޭސީން ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި، 2020 ވަނަ އަހަރު މާޗް މަހު 18ގެ ކުރިން މިނިސްޓްރީއަށް ހާޒިރުވެ، 'ރެގިއުލަރައިޒްވާން އެދޭ ބިދޭސީންގެ ދަފްތަރު' ގައި ރަޖިސްޓްރީ ވާން ވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ރެގިއުލަރައިޒް ވާން އެދޭ ބިދޭސީންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްޓަކައި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން މެންދުރު 12:30 އާ ހަމައަށް ނަންބަރު ދޫކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، 'ރެގިއުލަރައިޖޭޝަން ޕްރޮގްރާމް' ކުރިއަށްދާނީ ސިވިލް ސާވިސް ކޮމިޝަނުގެ އޮފީސް ހުންނަ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި، އެކަމަށް ހާއްސަކުރެވިފައިވާ އެ މިނިސްޓްރީ އިދާރާގައި ކަމަށެވެ. އަދި މި ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެކަމަށް ހާއްސަ ކުރެވިފައިވާ ނަންބަރު، 7205648 އާ ގުޅުމުން މައުލޫމާތު ސާފު ވަނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.