އިސްރާއީލުގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުން، އދގެ 74 ވަނަ އާންމު ޖަލްސާގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިނުވުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ނިންމާފައިވާކަމަށް، ކަމާ ބެހޭ މައުލޫމާތު ލިބިފައިވާ މަސްދަރުތަކަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އަންގާރަ ދުވަހު އިސްރާއީލުގައި ކުރިއަށް ގެންދާ އާންމު އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ނަތަންޔާހޫގެ ލީކޫޑް ޕާޓިއަށް އަގުލަބިއްތަތު ލިބިފައި ނުވާއިރު، ބޮޑުވަޒީރު ކަމުގެ މަގާމަށް ވާދަކުރަމުންދާ ބެނީ ގެންޓްޒްއަށްވެސް ކުރި ލިބޭ ގޮތެއް ނުވިއެވެ. ނަތަންޔާހޫއާއި ގަންޓްޒްގެ ނަތީޖާ މިވަގުތުވަނީ ގާތްގަނޑަކަށް އެއްވަރުވެފައެވެ.
ފަސް މަސްދުވަހުގެ ތެރޭގައި އިސްރާއީލުގައި ދެ ވަނަ ފަހަރަށް ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގެ ވޯޓުގެ 90 ޕަސެންޓް ގުނާ ނިމިފައިވާއިރު ނަތަންޔާހޫގެ ސިޔާސީ ޕާޓީއަށް ކާމިޔާބު ކުރެވިފައިވަނީ 31 ގޮނޑިއެވެ. ގަންޓްޒްގެ ޕާޓީއަށް 32 ގޮނޑި ލިބިފައިވާއިރު، ނަތަންޔާހޫގެ ސިޔާސީ ކުރިމަގާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.
120 މެންބަރުންގެ މައްޗަށް އެކުލެވޭ އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު އެއްވެސް ފަރާތަކަށް ކަށަވަރުކުރެވިފައި ނުވާއިރު، ރައީސް ރިއުވެން ރިވްލިން ވަނީ، ތިން ވަނަ އިންތިހާބަކަށް ނުގޮސް އާ ސަރުކާރު އެކުލަވާލުމަށް ގޮވާލާފައެވެ.
ނަތަންޔާހޫއަކީ އިސްރާއީލުގެ ތާރީހުގައި އެންމެ ގިނަ ދުވަސްވަންދެން ވެރިކަން ހިންގި ބޮޑުވަޒީރެވެ. ނަތަންޔާހޫގެ އދގެ ތަގުރީރުތައް މީގެ ކުރިން މައިގަނޑުގޮތެއްގައި އަމާޒުކޮށްފައިވަނީ އިސްރާއީލުގެ ޒަމާންވީ ހަތުރު އަދި މެދުއިރުމަތީގެ ނިއުކްލިއާ ބާރުވެރިކަން ހޯދާފައިވާ އީރާނަށް ފުރައްސާރަކުރުމަށެވެ.
އެމެރިކާގައި ކުރިއަށްދާ އދގެ 74 ވަނަ އާންމު ޖަލްސާގެ ހަވާސާގައި، ނަތަންޔާހޫއާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ހާއްސަ ބައްދަލުވުމެއް ބޭއްވޭނެ ކަމުގެ އަޑުތަކެއް މީގެ ކުރިން އޮތީ އަރާފައެވެ.