ޓްވިޓްސާފުގެ ލާމު އެޑިޝަންގެ މެއިން އުރީދޫއިން ސްޕޮންސާ ކޮށްފިއެވެ.

ޓްވިޓްސާފުން އިންތިޒާމްކޮށްގެން އަންނަ ހޮނިހިރު ދުވަހު ލ. ގަމާއި، ލ. ފޮނަދޫގައި ސާފު ކުރުމުގެ ހަރަކާތެއް ބާއްވަން ހަމަޖެހިފައިވާއިރު، މި ހަރަކާތަކީ ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަ ކުރާ "ކޯސްޓަލް ކްލީންއަޕް ޑޭ" ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.

ޓްވިޓްސާފުގެ މެއިން ސްޕޮންސަރަކަށް މިފަހަރުވެސް އުރީދޫ ހަމަޖައްސާފައި ވާއިރު، އުރީދޫއާ ޓްވިޓްސާފު ގުޅިގެން މީގެ ކުރިން ވެސް ވަނީ ސާފު ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.

"އިންޓަނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ" ފާހަގަ ކުރުމަށް ޓްވިޓްސާފުން ލާމު އަތޮޅަށް

އެންމެ ޓްވީޓަކުން ފެށި، އާންމުންގެ މަގުބޫލުކަން ހޯދާފައިވާ މި ޕްރޮގްރާމު ރާވާ ހިންގަމުންދަނީ ޓްވިޓްސާފުގެ ވޮލަންޓިއަރުންގެ އެހީގައެވެ. މާލެ އަދި ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީގައި އިވެންޓުތަކެއް ކުރިއަށް ގެންދިއުމަށްފަހު ޓްވިޓްސާފުން މިހާރު މިސްރާބު ޖަހާފައިވަނީ ލާމު އަތޮޅުގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށެވެ.

ޓްވިޓްސާފުގެ މައިގަނޑު އަސާސަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދައި، ރަށްތަކުގެ ރީތިކަން ދަމަހައްޓައި، ތިމާވެއްޓާ ރައްޓެހި އެދެވޭ ބަދަލުތަކެއް ގެނައުމުގެ މަގްސަދުގައި މަސައްކަތް ކުރާނެ ފަދަ ތިމާވެއްޓަށް ލޯބިކުރާ ޖީލެއް ބިނާކުރުމެވެ.