2.9 މިލިއަން ރުފިޔާގެ ކެނަބިސް ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ހިފަހައްޓައިފިއެވެ.

ކަސްޓަމްސް އިން ބުނީ، މަސްތުވާތަކެތީގެ ވައްތަރެއް ކަމަށްވާ ކެނަބިސްގެ 3.69 ކިލޯ ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް ހިފަހައްޓާފައި ވަނީ ވައިގެ މަގުން ބަންގްލަދޭޝް އިން ރާއްޖެއައި މީހެއްގެ އަތުން ކަމަށެވެ. އަދި މިއީ 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށާއި، އޭނާ މިހާރު ފުލުހުންނާއި ހަވާލު ކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ބުނީ އިއްޔެ ބަންގްލަދޭޝުން ރާއްޖެ އައި މި މީހާ ބަލާ ފާސް ކޮށްފައި ވަނީ އޭނާއާ މެދު ޝައްކު ކުރެވިގެން ކަމަށެވެ. އަދި ބަލާ ފާސް ކުރުމުގެ ތެރެގައި ކެނަބިސް ފެނިފައި ވަނީ އޭނާގެ ލަގެޖުގެ ތެރެއިން ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.

މި މައްސަލާގައި އަތުލައިގަނެވުނު މީހާގެ އިތުރުން އަތުލައިގެންފައިވާ މަސްތުވާތަކެތި ވެސް ފުލުހުންނާއި ހަވާލު ކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މިއަހަރުގެ މިހާތަނަށް ކަސްޓަމްސް އިން ވަނީ ޖުމްލަ 28.49 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.