ރާއްޖޭގެ މަސްވެރިން ބާނާ މަސް ކިރޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކީކިމިނީގައި މަސް ކިރޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.

ރާއްޖޭ މަސްވެރިން ބާނާ މަސްކޮޅު ނުކުރިގެން މަސްވެރިން އަންނަނީ ވަރަށް ބޮޑަށް ޝަކުވާ ކުރަމުންނެވެ. އެގޮތުން އެކަމުގެ ސަބަބުން މަހަށް ނުދެވި އެންދަމަންވެސް ނުދެވި އެތައް ދުވަހަކު ތިބެންޖެހޭ ކަމަށް މަސްވެރިން އަންނަނީ ބުނަމުންނެވެ.

މި ދުވަސްވަރަކީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވެފައިވާ ދުވަސްވަރެކެވެ. ސަރުކާރު މަސް ކުންފުނި މިފްކޯއިން ބުނެފައި ވަނީ މަހުގެ އަގު ދަށްވެފައި ވީނަމަވެސް މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ.

ނަމަވެސް ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ވަރަށް ބޮޑަށް ދަށްވެފައި ވާތީ، މަސް ބޭރު ނުކުރެވުމާ ގުޅިގެން ހޮރައިޒަން، މާންދޫއަށް މަސް ގަންނަ މިންވަރު ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެ ކުންފުނިތަކުން ވަނީ ބުނެފައެވެ.

ފެލިވަރުގައި ހުންނެވުމަށްފަހު ކީކިމިންޏަށް ދަތުރު ކުރައްވަމުން މިހާރު ގެންދަވާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ އުންމީދު ކުރައްވަނީ ވަރަށް އަވަހަށް ކީކިމިނިން ވެސް މަސްވެރިންނަށް މަސްކިރޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 3 ދުވަސްތެރޭ މަސް ދޯނި ފަހަރުތަކުން މިހާރަށްވުރެވެސް ގިނަ މަސް ކިރޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާވެސް ވަނީ މި ދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރެއްކަން ފާހަގަކުރައްވާ ސަރުކާރުން ކުރާ އެ މަސައްކަތުގައި ހުރިހާ މަސްވެރިންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

ފެލިވަރުގެ އިތުރުން ކީކިމިނިން މަސް ކިރޭނެ އިންތިޒާމް ހަމަޖައްސަމުގެ މަސައްކަތް ކުރަމުން އަންނައިރު އަމްރު ވަނީ މަސްވެރިންނާއި ވެސް ބައްދަލުކުރައްވާފައެވެ. އަދި މަސްވެރިންނަށް ދިމާވާ ދަތިތައް އޭނާ ވަނީ އޮޅުން ފިލުވާފައެވެ.