އެއީ އިންޑިއާގެ ފިލްމު ސިޓީ-މުމްބާއީގެ އަވަށެއްގައި ހުރި ޖިފުޓިގަނޑެއް ކަހަލަ ތަނެކެވެ. މިއީ އޭޝިއާގެ އެންމެ ބޮޑު ޖިފުޓީގެ ގޮތުގައި ގިނަ ބަޔަކު ބަލަމުން އަންނަ ދަރާވީ ސަރަހައްދުގައި ހުރި ޖިފުޓިގަނޑެކެވެ. ކުޑަދޮރުގަނޑެއްހާ ހިސާބުވެސް ނެތް މި ޖިފުޓީގައި ދިރުމެއް ނެތްކަމަށް ބޭރުން ހީވިއަސް، އެތެރޭގައި ވަނީ އުއްމީދުތަކަކާ ގުޅިފައިވާ ފޮނި ހުވަފެންތަކެކެވެ.

ޖިފުޓީގެ ތެރޭގައި ކުރިއަށްދަނީ ޑާންސް ކުލާސްތަކެކެވެ. މި ކުލާސްތައް މި ޖިފުޓިގަނޑުގައި ހިންގާތާ 35 އަހަރުވެއްޖެއެވެ. މި ކުލާހުން ތަމްރީނުވި 15000 ކުދިން އެބަތިއްބެވެ. މި ކުލާސްތައް ހިންގަނީ އޭނާ އަމިއްލަ ފިލްމު ލިޔެ ޑައިރެކްޓްކުރުމުގެ އިތުރުން ފިލްމުގެ 12 ކެރެކްޓަރުގެ ރޯލު އޭނާ އަމިއްލައަށް ކުޅުނު އާދަޔާ ހިލާފު ފަންނުވެރިއެއްކަމަށްވާ ބާބޫރާއޯ ލާދްސަހީބެވެ.

ލާދްސަހީބު ބުނާ ގޮތުގައި އޭނާގެ އެންމެ ބޮޑު ކާމިޔާބީއަކީ އޮސްކާ އެވޯޑްވެސް ހާސިލުކޮށްފައިވާ 2008 ވަނަ އަހަރުގެ ފިލްމް "ސްލަމް ޑޯގް މިލިއަނާ"ގައި އޭނާގެ ކުލާހުން 30 ދަރިވަރަކަށް ފުރުސަތު ލިބުނު ކަމެވެ. މިއާއެކު ފިލްމުތަކަށް ކާސްޓުން ހޮވުމުގެ އޭޖެންޓަކަށް ލާދް ސަހީބުވެއްޖެއެވެ. އޭނާ ބުނާ ގޮތުގައި ފިލްމުތަކަށް ބޭނުންވާ މީހުން ހޮވުމަށް 120 އަށްވުރެ ގިނަ ކާސްޓިންގް ޑައިރެކްޓަރުން އޭނާއަށްވަނީ ގުޅާފައެވެ. މިއީ ލާދް ސަހީބަށް މާ އުނދަގޫ ކަމެއް ނޫނެވެ. އޭނާގެ ކުލާހުގައި އުމުރުން 5 އަހަރާއި 55 އަހަރާ ދެމެދުގެ އަންހެން އަދި ފިރިހެން ދަރިވަރުން އުޅެއެވެ.

ލާދްސަހީބުގެ ކުލާހުން ތަމްރީނުވި އުމުރުން 10 އަހަރުގެ ކުއްޖަކު ވަނީ ނެޓްފްލިކްސްގެ ޕްރޮޖެކްޓެއްގައިވެސް މަސައްކަތްކޮށްފައެވެ.

ލާދްސަހީބުގެ އެކްޓިންގް ކުލާސްތަކުގައި ފަގީރު ކުދިން ބައިވެރިކުރަނީ އެއްވެސް ފީއެއް ދައްކަން ނުޖެހޭ ގޮތަށެވެ. އެނޫން ދަރިވަރުންގެ އަތުން އޭނާ މަހެއްގެ މައްޗަށް ނަގަނީ 100 ވަރަކަށް ރުޕީޒްއެވެ.