އޭނާގެ ކޮއްކޮ އެރޯން ކާޓާއާއި ދެކޮޅަށް ރެސްޓްރެއިނިންގް އޯޑަރެއްގެ ހޯދާފައިވާކަމަށް 1990ގެ އަހަރުތަކުގައި މަޝްހޫރުވި މިއުޒިކް ބޭންޑް ބެކް ސްޓްރީޓް ބޯއީޒްގެ ތަރި ނިކް ކާޓާ ބުނެފިއެވެ.

އުމުރުން 39 އަހަރުގެ ނިކް އޭނާގެ ޓްވިޓާ އެކައުންޓްގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެރޯން ކާޓާއާއި ދެކޮޅަށް ރެސްޓްރެއިނިންގް އޯޑަރެއް ހޯދަންޖެހުނީ އެނޫން ގޮތެއް ނެތި، މަޖުބޫރުވެގެން ކަމަށެވެ. މިކަން ކުރަން މަޖުބޫރުވީ އެރޯން ކާޓާގެ އަމަލުތައް ހުންނަ ގޮތުން ކަމަށާ، އެގޮތުން ނިކްގެ އަންހެން ލޯރޭން ކިޓްއާއި އޭނާގެ ބަނޑުގައި އޮތް ދަރިފުޅު މަރާލުމުގެ ފިކުރު އެރޯން ކާޓާ ގެންގުޅޭ ކަމަށް ހުދު އެރޯން ކާޓާ އަމިއްލައަށް އިއުތިރާފުވެފައިވާކަމަށްވެސް ނިކްގެ ޓްވީޓްގައި ވަނީ ބުނެފައެވެ.

ޓްވީޓް ނިންމާލަމުން ނިކް ވަނީ އެރޯން ކާޓާދެކެ އޭނާގެ އައިލާއިން އަދިވެސް ލޯބިވާ ކަމަށާ، އެދެނީ އޭނާއާއި އިތުރު މީހަކަށް ސީރިއަސް އަނިޔާއެއް ލިބުމުގެ ކުރިން އެރޯންގެ "ބަލި" ފަސެހަވުން ކަމަށްބުނެފައެވެ. މިއާއެކު ނިކްވަނީ ނަފްސާނީ ބަލީގެ ދުޅަހެޔޮކަމަށް ގޮވާލާ ހޭޝްޓެގްއާއި، އާންމުން ބަޑި ގެންގުޅުން ކޮންޓްރޯލް ކުރުމަށް ގޮވާލާ ހޭޝްޓެގް ބޭނުންކޮށްފައެވެ.

އެރޯން ކާޓާއާއި ދެކޮޅަށް އޭނާގެ ބޭބެ ރެސްޓްރެއިނިންގް އޯޑަރެއް ހޯދިކަން އެރޯންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މިކަމަށް ޖޯކުޖަހާ މޭރުމަކުން އޭނާވެސް ވަނީ ޓްވީޓެއް ކޮށްފައެވެ. ފާއިތުވީ 4 އަހަރުވެސް އޭނާ ދެކިފައި ނުވާނެ ކަމަށާ، ކުރިއަށް އޮތް ތަނުގައިވެސް އެކަން އޮންނާނީ އެހެން ކަމަށާ، މުޅި އުމުރަށް ގުޅުން ކެނޑުނީކަމަށްވެސް އުމުރުން 31 އަހަރުގެ އެރޯން ކާޓާ ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ. އަދި ނިކްގެ ތުހުމަތުތަކާ މެދު ހައިރާންވާކަމަށާ، އެއްވެސް މީހަކަށް އަދި އާއިލާގެ އެއްވެސް މީހަކަށް އަނިޔާއެއް ދޭކަށް އޭނާ ބޭނުން ނުވާކަމަށްވެސް އެރޯން ކާޓާ ވަނީ ބުނެފައެވެ. އަދި ނިކްއާއި ދެކޮޅަށް ދައުވާއެއް ކުރަންޖެހިދާނެ ކަމުގެ އިންޒާރުވެސް އޭނާވަނީ ދީފައެވެ.

އެރޯން ކާޓާއާއި ދެކޮޅަށް ނިކް ހޯދާފައިވާ ރެސްޓްރެއިނިންގް އޯޑަރު ބުނާ ގޮތުގައި، އެރޯން އަށް އެންމެ ބޮޑަށްވެސް ނިކްއާއި އޭނާގެ އަންހެނުންނާ ދަރިންނާ އާއިލާއާއި ގާތްވެވޭނީ 100 ފޫޓު ދުރުންނެވެ.