ޖައްމު އާއި ކަޝްމީރު އާންމު ހާލަތަކަށް ގެނައުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް އިންޑިއާގެ މައި ސަރުކާރަށް އެގައުމުގެ ސުޕްރީމް ކޯޓުން އަންގައިފިއެވެ.

ޖައްމުއާއި ކަޝްމީރަށް މިނިވަންކަން ލިއްބައިދިން މާއްދާ 370، އިންޑިއާގެ ގާނޫނު އަސާސީއިން އުނިކުރުމާ ދިމާކޮށް އިންޑިއާގެ މައި ސަރުކާރުން ޖައްމުއާއި ކަޝްމީރުގެ މުއާސަލާތީ ހިދުމަތްތައް މެދުކަނޑާލުމާ ގުޅިގެން ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައާއި ގުޅިގެން އެކޯޓުން މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި، ޖައްމު އާއި ކަޝްމީރު އާންމު ހާލަތަކަށް ގެނައުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް އިންޑިއާގެ މައި ސަރުކާރަށް އަންގާފައިވަނީ ވަކި ހުދޫދެއްގެ ތެރެއިންނެވެ. އެގޮތުން އާންމު ހާލަތަށް ގެނައުމަށް ފިޔަވަޅުތައް އަޅަމުންދިޔަކަމުގައި ވީ ނަމަވެސް، ގައުމުގެ ސަލާމަތަށް ނުރައްކާވެދާނެ ހުރިހާ ކަމަކުން ބަރީއްޔަވުމަށް އިންޑިއާގެ މައި ސަރުކާރަށް، ސުޕްރީމް ކޯޓުންވަނީ އަންގާފައެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި އިންޑިއާގެ ބަންޑާރަ ނައިބު ކޭކޭ ވެނޫގޯޕާލް ވިދާޅުވީ، ޖައްމުއާއި ކަޝްމީރުގައި މިހާރުވެސް ހަމަޖެހުން ގާއިމުވެފައިވާކަމަށެވެ. އަދި އޯގަސްޓް މަހުގެ 5 ދުވަހު ގާނޫނުން 370 ވަނަ މާއްދާ އުނިކުރި ހިސާބުން ފެށިގެން އަދާ ހަމައަށް އައިއިރު މިކަމާ ގުޅުންހުރި އެއްވެސް ހަމަނުޖެހުމެއްގައި މީހެއްގެ ފުރާނަ ގެއްލިފައި ނުވާކަން، ސޮލިސިޓާ ޖެނެރަލް ތުޝާރު މެހްތާވެސް ވަނީ ފާހަގަކުރައްވާފައެވެ.

މިއަދުގެ އަޑުއެހުމުގައި، އުއްތަމަ ފަނޑިޔާރު ރަންޖަން ގަގޯއީ ވަނީ ކޮންމެހެން ވަޑައިގަންނަވަން ޖެހިވަޑައިގެންފި ހިނދެއްގައި ޖައްމުއާއި ކަޝްމީރަށް ވަޑައިގަންނަވާނެކަންވެސް އިއުލާންކުރައްވާފައެވެ.

ޖައްމުއާއި ކަޝްމީރުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.