ބްލޫޒް ޖޯންރޯގެ މިއުޒިކަށް ލޯބިކުރާ ފަރާތްތަކުގެ ހިތުގައި އަދިވެސް ރަސްކަން ކުރަމުން އަންނަ ބީބީ ކިންގް މި ދުނިޔޭގައި ހުރިނަމަ އޭނާ ފާހަގަކުރާނެ 94 ވަނަ އުފަން ދުވަހާ ދިމާކޮށް، މިފަހަރުގެ ގޫގްލް ޑޫޑްލް ބީބީ ކިންގްއަށް ހާއްސަކޮށްފިއެވެ.

ލަވަޔާއި ރާގު ލިޔުމުގެ އިތުރުން އާންމުންގެ ގިނަ ބައެއްގެ ލޯބި ހޯދާ ޝޯތަކެއް ދީފައިވާ ބީބީ ކިންގްގެ 94 ވަނަ އުފަންދުވަހާ ދިމާކޮށް ގޫގްލްއިން އާންމުކުރި ޑޫޑްލްގައި، ބީބީ ކިންގްގެ ހިތްގައިމު މިއުޒިކީ އަޑުތައްވެސް ހިމަނާފައިވެއެވެ.

ރޮކް އެންޑް ރޯލް ހޯލް އޮފް ފޭމްއިން 1987 ވަނަ އަހަރު ޖާގަ ހޯދި ބީބީ ކިންގްއަކީ ބްލޫޒް ޖޯންރޯގެ މިއުޒިކަށް ލޯބިކުރާ ހުރިހާ އުމުރެއްގެ މީހުންގެ މެދުގައިވެސް އަދިވެސް 1 ނަމްބަރު އާޓިސްޓެވެ. 1949 ވަނަ އަހަރު މިއުޒިކީ ކެރިއާ ފެށި ބީބީ ކިންގްއަކީ ކުރާ ކޮންމެ މަސައްކަތެއްވެސް އިންތިހާ ލޯތްބާއެކު ކުރި މިއުޒީޝަނެކެވެ. އެގޮތުން އޭނާގެ ޝޯއެއް ދިން އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާ މުޅިން ކޮންޓްރޯލް ނުކުރެވެނީސް، ކޮންމެހެންވެސް އޭނާގެ ގިޓާ ސަލާމަތްކުރުމަށް އެ އިމާރާތުގެ ތެރެއަށް އޭނާ ވަދެގެން އުޅުނު ވާހަކައަކީ މިއަދުވެސް ބީބީ ކިންގް މިއުޒިކަށް ކުރި ލޯބި ބަޔާންކޮށްދިނުމަށް ގިނަ ބަޔަކު ދައްކަމުން އަންނަ ވާހަކައެކެވެ.

ބީބީ ކިންގްގެ ފާހަގަކޮށްލެވޭ ބައެއް އުފެއްދުންތަކުގެ ތެރޭގައި "ދަ ތްރިލް އިޒް ގޯން"، "ރޮކް މައި ވޯލްޑް" އަދި "ލެޓް ދަ ގުޑް ޓައިމްސް ރޯލް" ހިމެނެއެވެ.

ޓައިޕް ޓޫ ޑައިބީޓީޒް ނުވަތަ ހަކުރު ބައްޔާ ހަނގުރާމަ ކުރަމުންދިޔަ އުމުރުން 89 އަހަރުގެ ބީބީ ކިންގް މި ދުނިޔެއާއި ވަކިވީ ރޭގަނޑުގެ ވަގުތުގައި ނިދާފައި އޮއްވާ ޖެހުނު ސްޓްރޯކްތަކެއް ސަބަބުން، 2015 ވަނަ އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހުއެވެ.