ކުރިއަށް އޮތް އދ ގެ އާއްމު މަޖިލީހުގައި ފަލަސްތީނަށް ފުރިހަމަޔަށް ތާއީދުކޮށް، ފަލަސްތީނު މައްސަލައިގައި އާއްމު މަޖިލީހަށް ހުށަހެޅޭ ގަރާރުތަކުގައި އެގައުމާ އެއްކޮޅަށް ވޯޓުލާނެކަން މިނިސްޓަރު އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު އިއުލާންކުރައްވައިފިއެވެ.
މިނިސްޓަރު ޝާހިދު މިކަން އިއުލާންކުރެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމުގައި ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ ފަލަސްތީނުގެ މައްސަލަގައި ދިވެހިން ތިބީ އެގައުމާއި އެކުގައިކަމަށާއި، އެކަމަށް ބަދަލެއް ނާންނާނެކަމަށެވެ.
އަދި މުސްލިމް އެހެން ގައުމުތަކުގެ ހާރިޖީ ވަޒީރުންނެކޭ އެއްފަދައިން މިނިސްޓަރު ޝާހިދު ވެސް ވަނީ، ކުރިއަށް އޮތް އިސްރާއީލުގެ އާއްމު އިންތިޚާބު ކާމިޔާބުވެއްޖެނަމަ ފަލަސްތީނުގެ އުރުދުން ވާދީއާއި އެހެން ބައެއް ސަރަހައްދުތައް އިސްރާއީލުގެ ބައެއްގެ ގޮތުގައި ހަމަޖައްސަން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ވިދާޅުވުން ކުށްވެރިކުރައްވާފައެވެ.
މީގެ އިތުރުން މިނިވަން ދައުލަތެއް ގާއިމްކުރުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ހައްގަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު ލިބޭނެކަމަށާއި، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން މީހުން އާބާދުކުރުމާ ގުދުސްއަށް ބައެއް ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް ބަދަލުކުރުމަކީ ދިވެހިރާއްޖެއިން ދެކޮޅު ހަދާ ކަންކަން ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
އިސްލާމީ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމެއް ބާއްވާފައި މިވަނީ އިސްރާއީލުގެ ބޮޑުވަޒީރުގެ ވާހަކަފުޅުތަކާއި ގުޅިގެން އަޅަން ޖެހޭ ސިޔާސީ އަދި ގާނޫނީ ފިޔަވަޅުތައް އެޅުމަށް، ސައޫދީ އަރަބިއްޔާގެ އިސްނެގުމަކަށެވެ.
ފޮރިން މިނިސްޓަރ ޝާހިދުގެ އަރިހުގައި މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއަރޒް އަހުމަދު ހަލީލެވެ.