ދިވެހިރާއްޖެ އެހެން ގޮތަކަށް އަނބުރާލަން ބަޔަކު މީހުން މަސައްކަތް ކުރަމުންދާ ކަމަށްބުނެ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކަށް ރާއްޖޭގެ ދީނީ އިލްމުވެރިން ފާޑުވިދާޅުވެއްޖެއެވެ.
ގިޔާސުއްދީން ސްކޫލުގެ "ސްޓޫޑަންޓު އެޗީވްމަންޓު އެވޯޑު 2018"ގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަކީ އެހެން ގައުމުތަކުގެ މީހުން އުޅެމުން އަންނަ ގޮތާއި މުޅިން ތަފާތުކޮށް އުޅެމުން އަންނަ ބަޔަކު ދިރިއުޅޭ ގައުމެއް ކަމަށެވެ. އެހެންކަމުން އެގޮތްތައް ބަދަލު ކުރުމަށްޓަކައި ގިނަބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ގައުމެއް ބިނާ ކުރެވޭނީ ގައުމިއްޔަތެއް ބިނާ ކުރެވިގެން ކަމަށެވެ. އަދި ގައުމިއްޔަތެއް ބިނާ ކުރެވޭނީ މާޒީއެއް ހޯދައިގެން ކަމަށް ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ދިވެހިންގެ ގައުމިއްޔަތު ހޯދޭނީ ދިވެހިންގެ ތާރީހުން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ރޭގެ ޖަލްސާގައި ހުކުރު މިސްކިތާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާ ކުރައްވާފައެވެ.
ސިޔާސީ ގޮތުން މާބޮޑު ވާހަކަތެއް ނުދެއްކެވި ނަމަވެސް ނަޝީދުގެ ވާހަކަތަކުން ދީނީ އިލްމުވެރިންނަށް ނުސީދާކޮށް ރައްދު ދެއްވާފައިވާ ކަމަށް ބުނެ ނަޝީދުގެ ވާހަކަތަކަށް ދީނީ އިލްމުވެރިންވެސް އަންނަނީ ރައްދު ދެއްވާ ފާޑުވިދާޅުވަމުންނެވެ. އެގޮތުން ޑރ. މުހައްމަދު އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުސްލިމުން ހެދުން އަޅަން ޖެހޭނީ ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހި ވަސައްސަަމަ އެންގެވި ގޮތަށް ކަމަށެވެ. އަދި އެއީ މުހައްމަދު ނަޝީދު އަންގާ ގޮތަށް ކުރަންޖެހޭ ކަމެއް ނޫން ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ. ޑރ. އިޔާޒު މިފަދައިން ވިދާޅުވެފައި މިވަނީ ހެދުން އެޅުމުގެ ވައްޓަފާޅިއަށް ވެސް ބަދަލުތަކެއް އައިސްފައިވާ ކަމަށާއި ހެދުން އެޅުވުމުގެ ވައްޓަފާޅި ބަދަލު ނުކުރުމަށް ރައީސް ނަޝީދު ރޭގެ ޖަލްސާގައި ވިދާޅުވެފައި ވާތީއެވެ.
ޑރ. އިޔާޒު އިތުރަށް ވިދާޅުވީ ހައްދު ފަހަނަ އަޅާފައިވާ މީހުން ކާބަފައިން ހުއްޖަތަކަށް ހަދަން ފެށީ އަލަކަށް ނޫން ކަމަށެވެ. އަހަރަމެން އީމާންވާން ޖެހޭނީ ކާބަފައިން އުޅުނު ގޮތަކަށް ނޫން ކަމަށާއި ބަލަންޖެހޭނީ ގުރުއާނާއި ސުންނަތަށް ކަމަށްވެސް ޑރ. އިޔާޒު ވިދާޅުވިއެވެ.
ޝެއިހް އިލްޔާސް ހުސައިން ވިދާޅުވީ އެކަމެއް ކުރުމަށް ދީނުގައި އައިސްފައިވާ ސައްހަ ގޮތް އެނގުމުން ކުރީގައި އެކަން ނޭނގި އަމަލު ކުރެވުނު ގޮތް ދޫކޮށްލެވުމަކީ ގޯސް ކަމެއް ކަމަށް ދެކުމަކީ ދީނީ ކަންކަމުގައި ތިމާގެ ހިތުގައި ގަދަރެއް ނެތް ކަމުގެ އަލާމާތެއް ކަމަށެވެ. ދިވެހިންނަކީ މުސްލިމުން ކަމަށާއި މުސްލިމުން ބަލަން ޖެހޭނީ ދީނުގައި އައިސްފައިވާ ގޮތަށް ކަމަށް ޝެއިހް އިލިޔާސް ވިދާޅުވިއެވެ.
ޝެއިހް ޝަފީއު މުހައްމަދު ވިދާޅުވީ ދީނުގައި ވަކި ކަމަކަށް އޮތީ ވަކި ހުކުމެއް ކަމަށް ފާޅުކަން ބޮޑު ގޮތެއްގައި ހާމަވެއްޖެ ނަމަ ދެން އޮންނާނީ އެގޮތަކަށ އީމާންވުން ކަމަށެވެ. އަދި އެއީ މޫމިނުންގެ ސިފަ ކަމަށާއި އެ ސިފަ ނެތް ނަމަ އެއީ ނުރައްކާތެރި ހާލަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބައެއް މައިންބަފައިން އެމީހުންގެ ދަރިންނަށް ހެޔޮ ވިސްނުމުން އެކަމާ ކަންބޮޑުވާ ކަމަށާއި ބައެއް ދަރިން އެބައިމީހުންގެ މައިންބަފައިންނަށް ހެޔޮ ވިސްނުމުން އެކަމާ ކަންބޮޑުވާ ކަމަށް ޝަފީއު ވިދާޅުވިއެވެ. ޝެއިހް ވިދާޅުވީ ކޮންމެ މީހަކުވެސް ކުރަންވީ ކަމަކީ ހެޔޮ ގޮތަކީ ނުވަތަ ރަނގަޅު ގޮތަކީ ކޮބައިތޯ ބެލުން ކަމަށެވެ.
ރޭގެ ޖަލްސާގައި ނަޝީދު ވަނީ ދިވެހިން ހެދުން އެޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތައްވެސް ޖަލްސާގެ ހާޒިރިންނާއި ހިއްސާ ކުރައްވާފައެވެ. މި މޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިން އުޅެމުން ދިޔަ ގޮތަކީ ގޯސް ގޮތްތަކެއް ކަމަށްބުނެ ވާހަކަތަކެއް ދެކެވެން ފެށި ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ދިވެހިންނަކީ އެހެން ގައުމުތަކުގެ މީހުން އުޅޭ ގޮތާއި ތަފާތުކޮށް އުޅޭ ބައެއް ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ވަނީ އެއްވެސް މީހަކުވެސް އަދި އެއްވެސް ދަރިވަރަކުވެސް ގޮތް ބަދަލު ނުކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.