ނޭޝަނަލް ޑްރަގް އެޖެންސީ އިންދޭ ހިދުމަތްތައް ފުޅާކޮށް، އެ އެޖެންސީ ހިންގާ އިމާރާތް ހުޅުމާލެއަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމަށް ނެޝަނަލް ޑްރަގް އެޖެންސީން އިންތިޒާމުކުރާ އޯޕަން ޑޭ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ނޭޝަނަލް ޑްރަގް އޭޖެންސީ މިހާރު ހިންގާ އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދީ، ޒަމާނީ ވަސީލަތްތަކާއިއެކު ވަށައިޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކޮށް ހިދުމަތް ފުޅާ ކުރުމަށްޓަކާ އެ އެޖެންސީގެ އިމާރާތް ހުޅުމާލެއަށް ބަދަލު ކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައިވާ ކަމަށެވެ.
މި ގެނެވޭ ބަދަލާއެކު ނޭޝަނަލް ޑްރަގް އޭޖެންސީގެ ހިދުމަތްތައް ތަރައްގީ ކުރެވޭއިރު، ޒަމާނީ ޑީޓޮކްސް ކްލިނިކަކާއި ފަރުވާގައި ތިބޭ މީހުން އުފައްދާ ތަކެތި ވިއްކާނެ ބިޒްނަސް ސެންޓަރެއްވެސް އެތަނުގައި ތަރައްގީ ކުރެވޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި ކުޑަކުދިންނާއި އަންހެނުންނަށް ހާއްސަކޮށް، އެމީހުންނަށް ވަކިން ފަރުވާ ދެވޭނެ އިންތިޒާމު ތަކާއި ޒަމާނީ ތަހުލީލުތައް ކުރެވޭ ލެބޯޓްރީއަކާއި ގައުމީ ދިރާސާ މަރުކަޒަކާއި ހިލޭ ކައުންސިލިން ދެވޭނެ އިންތިޒާމުތައް ވެސް މި އިމާރާތުގައި ގާއިމު ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ އާބާދީގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ އާބާދީ އަކީ ބޮޑެތި މީހުންނާ އެކަހެރިކޮށްގެން ހާއްސަ ތަރުބިއްޔަތު ތަކަކާއި ހާއްސަ ފަރުވާތަކެއް ދޭން ޖެހޭ ބައެއް ކަމަށެވެ. އަދި މިފަދަ ކުޑަކުދިންނަށް ފަރުވާދޭ މަރުކަޒެއް، ގާއިމުކޮށް، އެ ކުދިން އެވަބާއިން ސަލާމަތް ކުރުމަށްޓަކާ އެކުދިންނާ، ކުދިންގެ އާއިލާތަކަށް ދޭންޖެހޭ ރީހެބިލިޓޭޝަން ފަރުވާ ދިނުމަށްޓަކާ ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތް މިއަހަރުތެރޭގައި ފެށިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، މަސްތުވާތަކެތި ބޭނުން ކުރުމާއި އަތުގައި ބަހައްޓައިގެން މަގުމަތީގައި ވިއްކުން ފަދަ މައްސަލަ ތަކުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުން ބަންދުގެ މުއްދަތުގައި، ނުވަތަ ތަހުގީގީ މަރުހަލާގައި އެފަރާތްތަކަށް ލިބެންޖެހޭ އަސާސީ ފަރުވާއަށް ހާއްސަ ކުރެވޭ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރު މާލެ އަތޮޅު ގުޅިފަޅުގައި ގާއިމު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި މި ސެންޓަރު މިހާތަނަށް ގާއިމު ނުކޮށް އޮތް ނަމަވެސް، މި ސެންޓަރު ގާއިމު ކުރުމަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުން ލާޒިމުކޮށްފައިވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.