މަސްތުވާތަކެތީގެ ވަބާއިން މި ގައުމާއި މި ޖީލާއި އަދި އަންނަން އޮތް މިގައުމުގެ ޖީލުގެ ދަރިން ސަލާމަތްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިންމު ވާޖިބެއްކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ނެޝަނަލް ޑްރަގް އެޖެންސީން އިންތިޒާމުކުރާ އޯޕަން ޑޭ 2019 ހުޅުއްވައި ދެއްވުމަށް މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކޮށް، މަސްތުވާތަކެތީގެ ޝިކާރައަށް ވަމުންދާ ޒުވާން ޖީލު އެވަބާއިން ސަލާމަތްކުރުމަށް މަސައްކަތް ކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު އަދި އެހާމެ އިސްކަން ދެވިފައިވާ ސިޔާސަތެއް ކަމަށެވެ.
މި ސިޔާސަތު ބައްޓަން ކޮށްފައިވާނީ މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވައި، މަސްތުވާތަކެތީގެ ޝިކާރައަށްވެފައިވާ ފަރާތްތަކަށް ފަރުވާދީ، ތަރުބިއްޔަތު ދީ، ތަމްރީން ދީގެން އެމީހުން އަލުން އަނބުރާ މުޖުތަމައަށް ނެރުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ސޯލިހް ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި މުޅި މުޖުތަމައު ބައިވެރި ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި، މިއީ ބޭނުންވާ ނަތީޖާއާއި ހަމައަށް ވާސިލުވުމަށް ހިނގަންޖެހޭ މަގު ކުރުވެ، ބޭނުންވާ ނަތީޖާ މާ އަވަހަށް ހާސިލުވާނެ ކަމެއްކަމުގައެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، މަސްތުވާތަކެތި ބޭނުން ކުރުމާއި އަތުގައި ބަހައްޓައިގެން މަގުމަތީގައި ވިއްކުން ފަދަ މައްސަލަ ތަކުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުން ބަންދުގެ މުއްދަތުގައި، ނުވަތަ ތަހުގީގީ މަރުހަލާގައި އެފަރާތްތަކަށް ލިބެންޖެހޭ އަސާސީ ފަރުވާއަށް ހާއްސަ ކުރެވޭ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރު މާލެ އަތޮޅު ގުޅިފަޅުގައި ގާއިމު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި މި ސެންޓަރު މިހާތަނަށް ގާއިމުނުކޮށް އޮތް ނަމަވެސް، މި ސެންޓަރު ގާއިމު ކުރުމަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ލާޒިމުކޮށްފައިވާ ކަމެއް ކަމަށާއި، އެ ގާނޫނަށް ޒަމާނާ ހާލަތާއި ގުޅޭ އިސްލާހުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ސޯލިހްގެ ވާހަކަފުޅުގައި، މަސްތުވާތަކެތިން ގައުމު ސަލާމަތް ކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ ނުވަތަ އަޅަން ޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ މަސްތުވާތަކެތި އެތެރެވުން ހުއްޓުވުން ކަމަށާއި މިކަން ކުރެވޭނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާތަކުން މިހާރަށް ވުރެ ތެދުވެރިކަމާއި ހަރުދަނާ ކަމާއެކުގައި ހަގީގީ މަސައްކަތްތަކެއް ކޮށްގެންކަމުގައި ވިދާޅުވިއެވެ.