ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އެގައުމުން ތަންފީޒުކުރަމުންދާ ހަރުކަށިފިޔަވަޅުތަކުގެ ސަބަބުން، ހައްދުފަހަނައަޅާ ދިއުމުގެ ފިކުރު ކަޝްމީރުގައި އިތުރުވަމުން އަންނަ ކަމުގެ އިންޒާރު ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ދެއްވައިފިއެވެ.

ކަޝްމީރުގެ ޕާކިސްތާނާ ވީ ފަޅީގެ ވެރިކަން ކުރާ މުޒައްފަރުއާބާދުގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ އަންނަ ހަފުތާގައި އެމެރިކާގައި ފަށާ އދގެ މެމްބަރު ގައުމުތަކުގެ އާންމު ޖަލްސާގައި ކަޝްމީރުގެ މައްސަލަ ނަންގަވާނެ ކަމަށެވެ.

އެތައް ހާސް ބަޔަކު ބައިވެރިވި ރެލީއެއްގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން އިމްރާން ވިދާޅުވީ، ލާއިންސާނީ ޖަރީމާތައް އޭގެ އެންމެ އިންތިހާއަށް ހިންގަން ފެށުމުން، ދިރިހުރުމަށްވުރެ މަރުވުންވެސް ރަނގަޅު ކަމަށް މީހުންނަށް ހީވާން ފަށާ ކަމަށެވެ. އެގޮތުން ކަޝްމީރު މިއަދު ވަނީ އިންސާނިއްޔަތުގެ ނަޒަރިއްޔާއިން ބަލާއިރު ކާރިސާއެއްގެ ހާލުގައި ކަމަށް އިމްރާން ވަނީ ސިފަކުރައްވާފައެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ އިންޑިއާގެ މައި ސަރުކާރުން ކަޝްމީރުގެ އެތައް ހާސް ބަޔަކު "ހައްޔަރުކުރަމުން" ދާއިރު އެކަމަށް އިޝާރާތް ކުރައްވަމުން އިމްރާން ވިދާލުވީ އެކަމުގެ ސަބަބުން ހައްދުފަހަޅާ ދިއުމުގެ ފިކުރަށް އެ ބަޔަކު ވައްޓާލެވޭކަމަށް އިންޑިއާއަށް ދަންނަވަން ބޭނުންފުޅުވާކަމަށެވެ. މިކަމަކީ އިންޑިއާގެ މުސްލިމު އާބާދީއަށް އެކަނި އޮތް ކަމެއް ނޫންކަމަށާ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1.25 ބިލިއަން މުސްލިމުން ދިރިއުޅެމުންދާކަމަށާ، މި ހުރިހާ އެންމެންވެސް ދަނީ ކަޝްމީރުގެ މަސްރަހު ބަލަމުން ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިއަށް މިނިވަންކަން ލިއްބައިދިން މާއްދާ 370 އުވާލާ، ކަޝްމީރުގެ ކޮންޓްރޯލް އިންޑިއާގެ މައި ސަރުކާރުން މިދިޔަ އޯގަސްޓް މަހުގެ 5 ވަނަ ދުވަހު ނެގި ފަހުން މިހާތަނަށް 4000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މިއާއެކު ލާއިންސާނީ އަނިޔާކުރުމުގެ ގިނަ މައްސަލަތަކެއް ވަނީ ރިޕޯޓްކުރަން ފަށާފައެވެ.