ފެންމަތިކޮށްފައިވާ ރޭޕްގެ މައްސަލައަކާ ގުޅިގެން، އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ލީޑަރު ޗިންމަޔާނަންދް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

އުއްތަރަ ޕްރަދޭޝްގެ ފުލުހުން 7 ގަޑިއިރުވަންދެން ޗިންމަޔާނަންދްއާއި ސުވާލުކޮށްފައިވަނީ ގާނޫނީ އިލްމުގެ ރޮނގުން މަތީ ތައުލީމު ފޯރުކޮށްދިނުމަށް އޭނާ ހިންގާ މުއައްސަސާއެއްގައި ކިޔަވާ ދަރިވަރަކު، ޗިންމަޔާނަންދްއާއި ދެކޮޅަށް ހުށަހަޅާފައިވާ ރޭޕްގެ ދައުވާއަކާ ގުޅިގެންނެވެ.

އެދަރިވަރު ބުނާ ގޮތުގައި ޗިންމަޔާނަންދް ވަނީ އަހަރެއްހާ ދުވަސްވަންދެން އޭނާ ރޭޕްކޮށްފައެވެ. އަދި މުއްދަތުގައި އޭނާއަށް ޖިންސީ ފުރައްސާކޮށް، ވީޑިއޯކޮށް، ބްލެކްމެއިލްކޮށް ހަދާފައިވާކަމަށްވެސް ދަރިވަރުގެ ދައުވާގައި ބުނެއެވެ. ޗިންމަޔާނަންދްއާއި ދެކޮޅަށް ދައުވާކުރަމުންދަނީ އަންހެން ދަރިވަރެކެވެ.

އިންޑިއާގެ ސިޔާސީ މައިދާނުގައި ނުފުޒޫގަދަ ލީޑަރެއްގެ ގޮތުގައި ސިފަކުރަމުން އަންނަ ޗިންމަޔާނަންދްއާއި ދެކޮޅަށް މިމައްސަލާގައި ރަސްމީކޮށް ކޭސް ފައިލްކޮށްފައި ނުވަނީ ކީއްވެކަމެއް ފުލުހުން ބަޔާންކޮށްދީފައެއް ނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މީގެ މަހެއްހާ ދުވަސްކުރިން ދަރިވަރު ހުށަހެޅި މައްސަލައާއި ގުޅިގެން ސުވާލު ކުރުމަށް ޗިންމަޔާނަންދް ފުލުސް އޮފީހަށް ހާޒިރުކުރެވުނީ ރޭ އިރާކޮޅުއެވެ. އަދި މެންދަމުން އަލިވެ 1 ޖެހުމާ ހަމަޔަށް ސުވާލުކުރަމުން ދިޔަ ކަމަށް ޚަބަރު ލިބެއެވެ.

މިމައްސަލައާއި ގުޅިގެން ޗިންމަޔާނަންދްގެ ވަކީލު ބުނީ، ތަހުގީގު އެއްބާރުލުން ދެމުންދާ ކަމަށާ، އަދިވެސް ފުލުހުން އޮފީހަށް ހާޒިރުވާންޖެހިދާނެ ކަމަށެވެ.

އިންޑިއާގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މަޝްހޫރު ޝަހްސުންނާ ދެކޮޅަށް ފެންމަތިކުރާ ޖިންސީ ފުރައްސާރައާއި ގޯނާގެ ދައުވާތަކުގެ އަދަދު މި ފަހަކަށް އައިސްވަނީ އިތުރުވެފައެވެ. އެގޮތުން މީގެ ދޮޅުމަހެއްހާ ދުވަސްކުރިންވެސް، ބީޖޭޕީގެ ފަރާތުން ގާނޫނު ހަދާ މަޖިލީހުގައި ދާއިރާ ތަމްސީލުކުރައްވަމުން ގެންދެވި މެމްބަރަކާ ދެކޮޅަށް މިފަދަ މައްސަލައެއް ފެންމަތިވެ، އާއިލާ ނެތިކޮށްލުމަށް ޖިނާއީ ކުށުގެ ޖަރީމާ ހިންގެވިކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ.