ދަރިވަރުންގެ ގާބިލުކަމާއި އުއްމީދުތައް މުހިންމު ކަމަށާއި، ވަކި ރޮނގަކުން ކުރިއަށް ދިއުމަށް އެ ދަރިވަރުންނަށް މަޖުބޫރު ނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފިއެވެ.

ޓޮޕް އެޗީވާސް އެވޯޑް ހަވާލު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ބެލެނިވެރިންނާ މުހާތަބު ކުރައްވައި ރައީސް ސޯލިހް ވިދާޅުވީ، ދަރިވަރުން ކުރިއަށް ދާން ބޭނުންވާ ދާއިރާއެއް ނުވަތަ ރޮނގެއް އިހްތިޔާރު ކުރުން މުހިންމު ކަމަށެވެ. އަދި އެކަމުގައި ހަމައެކަނި މަންމަ ނުވަތަ ބައްޕަގެ ހުވަފެން ހަގީގަކަށް ހެދޭތޯ ނުބަލާ ތިމާގެ ދަރިފުޅު ކުރާ އުންމީދުތަކަކީ ކޮބައިތޯއާ އެދަރިފުޅުގެ ގާބިލުކަން ހުރީ ކޮން ދާއިރާއަކުން ކޮން ކަމަކަށްތޯ ބެލުން މުހިންމު ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ، ސާނަވީ ތައުލީމަށް ފަހު ވަކި ރޮނގަކުން ކުރިއަށް ދާން ދަރިވަރުންނަށް މަޖުބޫރު ނުކޮށް މަގުދައްކައި ދިނުމަކީ ބެލެނިވެރިންގެ ދައުރެއް ކަމަށެވެ. އަދި ދަރިވަރުންނަށް ހިތްވަރު ދިނުމަކީ އެ ކުދިންގެ ފަރާތުން އާއިލާއަށާއި ގައުމަށް ފައިދާ ލިބި، އެ ކުދިންގެ ކުރިމަގު އުޖާލާވާނެ ކަމެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ ޓޮޕް އެޗީވާސް އެވޯޑު ދިނުމުގެ ހަފްލާގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ / ފޮޓޯ: އެޑިއުކޭޝަން

ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ކުދިންނާ މުހާތަބު ކުރައްވައި ރައީސް ސޯލިހް ވިދާޅުވީ، ސާނަވީ ތައުލީމު ނިންމުމަށް ފަހު ދެން އޮތީ ދަރިވަރުން ޒިންމާދާރު މީހުންނަށް ހަދައިދޭ މަރުހަލާތައް ކަމަށެވެ. އަދި އެއީ މަސްއޫލިއްޔަތު އުފުލުމާއި ހަޔާތުގެ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތްތައް، އަމަލީގޮތުން ތަޖުރިބާކޮށް، އެކަންކަން ހައްލުކުރަން ދަސްކުރާނެ މަރުހަލާ ކަމަށާ، އެ ތަޖުރިބާތަކާއެކު ކޮންމެ ކުއްޖެއްގެ ކިބައިގައި ވަކި ޝަޚްސިއްޔަތެއް އުފެދިގެން ދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި އެ މަރުހަލާގައި ކޮންމެ ކުއްޖަކުވެސް ތިމާގެ ކިބައިގައި ހަރުދަނާ ޝަޚްސިއްޔަތެއް ބިނާކުރުމަށް ވިސްނަންވާނެ ކަމަށާއި، ގައުމު ތިމާގެ ހިދުމަތަށް އެދި ގޮވާފަދަ، ބޭނުންތެރި ޝަޚްސިއްޔަތަކަށް ވުމަށާއި މުޖްތަމައަށް ފައިދާހުރި، ފަރުދަކަށް ވުމަށް ރައީސް ސޯލިހް ވަނީ ދަރިވަރުން ކިބައިން އެދިވަޑައިގެންފައެވެ.

2018 ވަނަ އަހަރުގެ ޓޮޕް އެޗީވާސް އެވޯޑު ދިނުމުގެ ހަފްލާގެ ތެރެއިން ސަރުކާރުގެ ބައެއް އިސްވެރިން / ފޮޓޯ: އެޑިއުކޭޝަން

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ، މިއީ އެންމެން އަބަދުވެސް ހައްގުތަކުގެ ވާހަކަ ދައްކާ ޒަމާން ކަމަށާ، ހައްގުތައް ނުލިބިގެން ނުވަތަ ހައްގެއް ގެއްލިގެން އަޑު އުފުލާ ޒަމާން ކަމަށެވެ. އަދި މި ޒަމާނުގައި ތިމާއަށް ލިބެންޖެހޭ ކޮންމެ ހައްގަކާ އެކުގައި، ތިމާ އަދާކުރަން ޖެހޭ ޒިންމާތަކެއް ވެސް ހުންނަ ކަމަށާ، މުޖްތަމައުގައި އަދުލުވެރިކަމާއި އުފާވެރިކަން ދެމިއޮންނާނީ، އެ ޒިންމާތައް އަދާކޮށްގެން ކަން ހަނދާން ބަހައްޓަން ޖެހޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުތަކުން، ގަދަ 10 ވަނައިގައި ހިމެނުނީ 407 ދަރިވަރުންނެވެ. އެ އިމްތިހާނުތަކަކީ ދުނިޔޭގެ ގާތްގަނޑަކަށް 150 ގައުމަކުން އެތައް ލައްކަ ކުދިންނެއް ބައިވެރިވާ އިމްތިހާނެކެވެ. އަދި އެފަދަ އިމްތިހާނަކުން އެންމެ މަތީ ދަރަޖައިގައި ފާސްވުމަކީ، ދަރިވަރުންގެ އިލްމީ ގާބިލުކަން ސާބިތުކޮށްދޭ ހެއްކެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.