ދިވެހިރާއްޖެއިން ބޭރުގައި ޓެރަރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެފަދަ ސަރަހައްދުތަކަށް ދިއުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކާ މެދު ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތަކާއި އެފަރާތްތަކުގެ މައްޗަށް ހިންގޭނެ އިޖްރާއަތްތައް ގާނޫނުގައި ކަނޑައެޅިގެން ބަޔާންކުރުމަށްޓަކައި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާއަށް ފުރަތަމަ ކިއުން އިއްވި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ހަނގުރާމަވެރިންނާއި، އެމީހުންނާއެކު އަންނަ އެމީހުންގެ އާއިލާއާމެދު އަމަލުކުރާނެ އުސޫލުތަކެއް ބަޔާން ކުރާ ހައްސަ ބާބެއް ހިމަނާފައެވެ.

އެ ބާބުގައި ހަނގުރާމަވެރިން މާނަ ކުރާ ގޮތް:

  • ބޭރު ގައުމެއްގައި ޓެރަރިސްޓް ޖަމާއަތަކުން ނުވަތަ އެފަދަ ޖަމާއަތަކަށް ނިސްބަތްނުވާ ޓެރަރިސްޓުން ހިންގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ދާ މީހުން.
  • ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރޭވުމަށް، ނުވަތަ ތައްޔާރުވުމަށް، ނުވަތަ އެފަދަ އަމަލު ހިންގުމުގައި ބައިވެރިވުމަށް ނުވަތަ އެހީތެރިވުމަށް.
  • ހަނގުރާމަކުރުން ހިމެނޭގޮތަށް ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ތަމްރީނު ފޯރުކޮށްދިނުމަށް ނުވަތަ ލިބިގަތުމަށް.

ގާނޫނަށް ހުށަހެޅި އިސްލާހުގައިވާ ބޭރުގެ ހަނގުރާމަތަކަށްދާ މީހުންނާ މެދު އަމަލުކުރާ ބާބުގައި ބުނެފައިވާ ގޮތުން، ހަނގުރާއަމަށް ގޮސް އަބުރާ ރާއްޖެ އަންނަ މީހުންނަށް ހާއްސަ ހާލަތެއްގެ ދަށުން ފަރުވާ ދެވި، އެ މީހުން މުޖްތަމައުއަށް އަނބުރާ ނުކުތުމުގެ ފުރުސަތު ލިބިދެއެވެ.

ނަމަވެސް އެމީހުން މުޖްތަމައުއަށް ނެރުމުގެ ކުރިން ރާއްޖެ އައުމާއެކު، ހައްޔަރުކުރުމަށްފަހު، ރިސްކް އެސެސްމެންޓެެއް ހެދުމަށް އެމީހުންނަށް ހާއްސަ ވަގުތީ މަރުކަޒެއްގައި އެމީހުން ބަންދުކުރަންވާނެ ކަމަށް މި ބާބުގައި ބުނެފައިވެއެވެ.

ޓެެރަރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ހަނގުރާމައަށް ދިއުމަށްފަހު އެނބުރު އަންނަ މީހުން ހައްޔަރުކޮށް، ބަންދުކުރާތާ 48 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ގެނެސް، ބަންދާ މެދު ގޮތެއް ނިންމަންވާނެއެވެ. އަދި ވަގުތީ މަރުކަޒުގައި އެމީހުން ބަންދު ކުރެވޭ މުއްދަތަކީ ގިނަވެގެން 30 ދުވަސް ކަމަށް މި ބާބުގައި ބުނެފައިވެއެވެ.

އަދި އެމީހަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ މީހެއް ކަމުގައި ބަލައި، ރިސްކް އެސެސްމަންޓް ހެދުމަކާ ނުލައި އަދި ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ ފަރުވާ ފުރިހަމަކުރުމަކާ ނުލައި ގިނަވެގެން 30 ދުވަހުގެ މުއްދަތަށް އެމީހަކު ބަންދުގައި ބެހެއްޓުމަށް، އެ މައްސަލައެއް ބަލާ ފަނޑިޔާރު އަމުރުކުރަންވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

އަދި މި މުއްދަތުގެ ތެރޭގައި ހެދޭ ރިސްކް އެސެސްމަންޓަށްފަހު އެ މީހަކީ ޓެރަރިޒަމްގެ އަމަލުތައް ކުރިކަމަށް ނުވަތަ ކުރުމުގައި ބައިވެރިވި ފަރާތެއް ކަމުގައި ނުބެލެވޭ ކަމުގައިވާނަމަ، ނުވަތަ އެފަދަ އަމަލުތައް ކުރުމަށް ތަމްރީނު ހޯދާފައިވާ ފަރާތެއް ކަމުގައިނުވާނަމަ، އެ މީހަކީ، ކުށުގެ ޝިކާރައަކަށްވެފައިވާ މީހެއް ކަމުގައި ކަނޑައަޅަންވާނެ ކަމަށް ބިލުގައި ބުނެއެވެ. އަދި އެފަދަ ފަރާތްތައް މުޖުމައުއަށް އަލުން އަނބުރާ ނެރުމަށްޓަކައި މިނިސްޓްރީން ރިހަބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަން ވާނެ ކަމަށް ވެސް ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލުގައި ބުނެފައިވެއެވެ.