ޓެރަރިޒަމް ގާނުނަށް އިސްލާހު ގެންނަން ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް ބާއްވައިދިނުމަށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ އިދާރާގައި އެދިވަޑައިގެންފައި ވާނެ ކަމަށެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް ހުށަހަޅުއްވާފައި ވަނީ ސަރުކާރުގެ ފަރާތުން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ފޮނުވާފައި ވާތީ ކަމަށެވެ. އަދި އެ މަސައްކަތް އަވަސް ކުރުމަށް ޖަލްސާއެއް ބާއްވާ ދިނުމަށް އެދިވަޑައިގެންފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމާލުމަށް ފަހު މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ ހަފްތާގައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން މިދައުރަށް މަޖިލިސް ޗުއްޓީއަށް ދާންޖެހޭ ދުވަހަކީ އޮގަސްޓްމަހުގެ 29 ވަނަ ދުވަހެވެ. ނަމަވެސް މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ކުރަން ހުރުމުން މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މިހަފްތާ ނިމެންދެން މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ނިންމަވާ އެގޮތަށް އަމަލު ކުރައްވާފައެވެ.

ނަމަވެސް ދައުރު ނިންމަވާލައްވަމުން ވެސް ނަޝީދު ވަނީ ޖަލްސާއެއް ބާއްވަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރެވޭ ގޮތަށް މަޖިލިސް ޗުއްޓީއަށް ދިއުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ކޮންމެ ހާލަތެއްގައި ވެސް، 241 ކޮމިޓީ (ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީ) ގެ މަސައްކަތް ޗުއްޓީގެ ހުރިހާ ދުވަހެއްގައި، ހުއްޓުމެއްނެތި ކުރިއަށް ގެންދަވާ ގޮތަށް ހެއްދެވުމަށް ވެސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. އެއީ މަރުތަކާ ގުޅޭ ރިޕޯޓުގެ މަސައްކަތް ކޮމިޓީއާ ހަވާލުވެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީން ހުށަހެޅި އިރު، ގަދަކަމުން ގެންގޮސް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލަ ކުރިއަށް ގެންދިއުމަށް ބައެއް ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހޯމަ ދުވަހު ވިދާޅުވެފައެވެ.

ރިޟްވާންގެ މައްސަަލައާ ގުލޭގޮތުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުފައްކަވަމުން ރައީސް ވިދާޅުވީ ރިޟްވާންގެ މައްސަލަ ކުރިއަށް ގެންދާއިރު، ބައެއް ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭކަން ފާހަގަކުރެއްވުނު ކަމަށެވެެ. އެގޮތުން ޓެރަރިޒަމްގެ ގާނޫނަށް ބަދަލުތަކެއް ގެންނަވަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ޓެރަރިޒަމްގެ ގާނޫނު އޮތްގޮތުން، އޭގެ އަސްލު ޓެރަރިސްޓުންނާއި، ނޫނީވިއްޔާ ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުންނާ ދިމާއަށް ދިޔުމަށްވުރެ ބޮޑަށް އަމާޒުވެފައި އޮތީ މުޅިން އެހެން ދިމާއަކަށް ކަމަށެވެ.

"އެހެންވީމާ، ޓެރަރިޒަމް ރަނގަޅަށް ޑިފައިންކޮށް، އެ އަމަލުތައް ހިންގާ ފަރާތްތައް ފަސޭހައިން ހައްޔަރުކުރެވި، ތަހުގީގު ކުރެވޭނެ ގޮތަކަށް ޓެރަރިޒަމްގެ ގާނޫނު ބަދަލުކުރަން އެބަޖެހޭ. ހަމައެއާއެކުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކެއް އެބަހުރި. ހައްޔަރު ކުރެވޭ މީހުން ބައިތިއްބޭނެ މުއްދަތު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އެބައޮތް. ފުރަތަމަ ހައްޔަރުކުރުމަށްފަހުގައި 48 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރު ކުރަންޖެހޭނެ ކަމާއި، އެންމެ ގިނަވެގެން ހައްޔަރުކޮށްފައި ބެހެއްޓޭނީ ވަކި މުއްދަތެއްގައިކަން އެބަ އެނގޭ،"
ރައީސް

ރިޟްވާންގެ މައްސަލައިގައި ސަލާމަތީ ބާރުތަކާ، މަރުކޮމިޝަނާއެކު އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމަށްފަހު ރައީސް ވިދާޅުވީ ސާފުވެގެން ދިޔައީ، މިފަދަ ބޮޑު ކަމެއް ޓެރަރިޒަމާ ގުޅޭ އަދި ދައުލަތުގެ މަސްލަހަތާ ގުޅޭ މިފަދަ ކަމެއްގައި ހައްޔަރު ކުރެވޭ މީހަކު، ތަހުގީގުކޮށް ނިމި، އަދި ޝަރީއަތް ނިމެންދެން އެއަށްވުރެ ގިނަ ދުވަހު ބަހައްޓަން ޖެހިދާނެ ހާލަތެއް އަތުވެދާނެ ކަމަށެވެ. އަދި އެ ޖާގަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ތެރެއިން ޕޮލިހަށާއި، އަދި ޕްރޮސިކިއުޓާ ޖެނެރަލަށާއި، އަދި ކޯޓުތަކަށް ވެސް ލިބިދޭންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.