ޗައިނާގެ މައި ސަރުކާރާ ދެކޮޅަށް ހޮންގްކޮންގްގެ ރައްޔިތުން ކުރަމުންދާ ވަރުގަދަ މުޒާހަރާގެ މައިދާނަކަށް، މިހާރު ކުރިއަށްދާ ގަތަރު 2022 ވާލްޑް ކަޕް ކޮލިފައިންގް މެޗެއް ކުރިއަށް ދިޔަ ހޮންގްކޮންގްގެ ސްޓޭޑިއަމްއެއް ބަދަލުކޮށްލައިފިއެވެ.

އީރާނާ ދެކޮޅަށް ހޮންގްކޮންގްގެ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ހޮންގްކޮންގްގެ ޓީމު ނިކުތް މެޗު ފެށުމުގެ ގޮތުން، ޗައިނާގެ ގައުމީ ސަލާމް ޖެހުމުން މުޒާހަރާގެ ބައިވެރިންވަނީ މީގެ 2 ހަފުތާއެއްހާ ދުވަސްކުރިން އެމީހުން ތައްޔާރުކުރި ހޮންގްކޮންގްގެ ނަސްރުގެ ލަވަ އަޑުއަހަރުކޮށް ކިއާފައެވެ. މި ލަވާގައި ގޮވާލަނީ، ހޮންގްކޮންގްއަށް ފުރިހަމަ މިނިވަންކަން ހޯދުމަށެވެ.

ދަނޑުގައި ޗާއިނާގެ ގައުމީ ސަލާމް ޖަހަމުންދިޔައިރު ސަޕޯޓަރުންގެ ގޮތުގައި ދަނޑަށް ވަދެ ތިބި މުޒާހަރާގެ ބައިވެރިންވަނީ ދަނޑަށް ފުރަގަސްދީގެން ތިބެ، ގައުމީ ސަލާމަށް ފުރައްސާރަކޮށްފައެވެ. ސަޕޯޓަރުން ބުނަމުންދިޔައީ އެމީހުން ދަނޑަށް ވަނީ ހޮންގްކޮންގް ޓީމަށް ސަޕޯޓްކުރަން ކަމަށެވެ.

ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކޯޓުތަކަށް ބާރު ލިބޭ ގޮތަށް ހޮންގްކޮންގްގެ އެކްސްޓްރަޑައިޝަން ގާނަށް ހުށަހެޅުނު އިސްލާހަކާ ދެކޮޅަށް ފެށި އެއްވުންތައް، މިނިވަންކަމުގެ މުޒާހަރާއަކަށް ބަދަލުވިތާ މިހާރު 4 ވަރަކަށް މަސްދުވަސް ވެފައިވާއިރު، މިމައްސަލައަށް އަވަސް ހައްލެއް ލިބިދާނެ ކަމުގެ އަލި މަގެއް އަދި ފެންނާކަށް ނެތެވެ.

1997 ވަނަ އަހަރު އިނގިރޭސިންގެ އަޅުވެތިކަމުން ހޮންގްކޮންގް މިނިވަންވުމަށްފަހު، އެ ސަރަހައްދު އޮންނަނީ ޗައިނާގެ މައި ސަރުކާރުގެ ބާރުގެ ދަށުން ހިންގާ، އިދާރީ ވަކި ދާއިރާއެއްގެ ގޮތުގައެވެ.