މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން މަރާލި މައްސަލާގައި ފުލުހުން ކުރިޔަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން، އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އަދި މި އޮޕަރޭޝަނުގައި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާ، ނަަމަވެސް އެ މީހަކާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމަށް ފުލުހުން އެ މީހުން ގޮވައިގެން އެ ތަންތަނަށް ވެހިކަލްގައި ދަތުރު ކުރާ ކަމަށެވެ. ފުލުހުން މިހެން ބުނެފައި ވާއިރު، ބައެއް މީހުން ފުލުހުންގެ ވެހިކަލުގައި ގެންދިއުމުން، ބައެއް ފަރާތްތަކުން ދަނީ އެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ބުނަމުންނެވެ.

ފުލުހުން ބުނީ، މިހާރު ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނަކީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުގެ ތަހުގީގު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން އެ ކޮމިޝަނުން ބަލާ ފާސްކުރަން ބޭނުންވާ ތަންތަނާއި، މީހުން ބަލާ ފާސްކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ. އަދި މިއީ މަރު ކޮމިޝަނުގެ އެދުމަށް ކޯޓުން ނެރެފައިވާ އަމުރުތައް ތަންފީޒު ކުރުމަށްޓަކައި ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަނުގައި، ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި، ފޮރެންސިކް ސާވިސް ޑިޕާޓްމަންޓާއި، ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި އަދި ޑިވިޜަނަލް ޕޮލިސިން ކޮމާންޑުގެ ފުލުހުން ބައިވެރިވާ ކަމަށް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަން ކުރިއަށް ދާއިރު މާލޭ އާއި އައްޑޫ ސިޓީގެ އާއްމު ސަލާމަތީ ކަންކަން ފުލުހުން އިތުރަށް ވަރުގަދަ ކޮށްފައިވާއިރު، ފުލުހުން ވަނީ އެއްވެސް ފަރާތަކުން މި މަސައްކަތަށް އެހީތެރިވެވޭފަދަ މައުލޫމާތެއް ދޭން ބޭނުންވާނަމަ 3322111 ނުވަތަ 119 އަށް ގުޅާ މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިފައެވެ.