ޝަހުސު އޮޅުވާލައިގެން، އެހެން މީހެއްގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވާން އުޅުނު މީހަކު ރާއްޖޭގެ އިމިގްރޭޝަނުން އަނެއްކާވެސް ހުއްޓުވައިފިއެވެ.

އިމިގްރޭޝަނުން ބުނީ ވައްތަރު މީހެއްގެ ޕާސްޕޯޓު ބޭނުންކޮށް (އިމްޕޯސްޓާ) ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތް ކުރި ފަރާތެއް މިއަދު އިމިގްރޭޝަނުން ހުއްޓުވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި އެމީހާގެ ވަނަވަރެއް ހާމަކޮށްފައެއް ނުވެއެވެ.

މިއީ 24 ގަޑި އިރުތެރޭގައި މިގޮތަށް އިމިގްރޭޝަނުން ހުއްޓުވި ދެވަނަ މީހާއެވެ. މީގެ 23 ގަޑި އިރުކުރިން އިމްގްރޭޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ވައްތަރު މީހެއްގެ ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވާން އުޅުނު މީހަކު ހުއްޓުވާފައިވާ ކަމަށެވެ.

މި ދެމީހުން ހުއްޓުވީ ރާއްޖޭގެ ކޮން ސަރަހައްދަކުން ކަމެއް ވެސް އިމިގްރޭޝަނުން ހާމަކޮށްފައި ނުވެއެވެ.

އިމިގްރޭޝަނުން މި މައުލޫމާތު ހާމަކޮށްފައިވަނިކޮށް، މިކަމާއި ގުލޭގޮތުން ޕްރޮފެސަރު ހަސަން އުގައިލް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާ ޓްވީޓެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ މިފަދަ މައްސަލަތައް ހައްލުކުރުމަށް ރޮބަސްޓް ޕާސަން އައިޑެންޓިފިކޭޝަން ބޭނުންކުރުން މުހިންމު ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓްކޮށްލުމުން، އެހެން ޕާސްޕޯޓު ހަދައިގެން އޮޅުވާލައިގެން ރާއްޖެ އެތެރެވާ މައްސަލަތައް ފެންމަތިވެއެވެ. ރާއްޖޭގައި ދޮޅުލައްކައަކާ ގާތްކުރާ އަދަދަކަށް ބިދޭސީން އުޅެމުންދާއިރު، އޭގެ ތެރެއިން ދެބަައިކުޅަ އެއްބައި މީހުންނަކީ ގަވާއިދާ ހިލާފަށް އުލޭ ބިދޭސީންނެވެ.