ވައިގެ މަގުން ބްރެޒިލްއިން ރާއްޖެއަށް އައި އަންހެނެއްގެ އަތުން ކޮކެއިން އަތުލައިގެންފިކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސްއިން ބުނީ ރާއްޖެއައި 32 އަހަރުގެ ބްރެޒިލް އަންހެން މީހާގެ ރާއްޖެއައީ މި މަހުގެ އެއްވަނަ ދުވަހު ކަމަށާއި، އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން ބަލާފާސްކުރުމުގެ ތެރޭގައި އޭނާގެ ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި ރައްކާކޮށްފައި ހުރި 70 ކެޕްސޫލް ފެނިފައިވާ ކަމަށެވެ.

ކަސްޓަމްްސްއިން ބުނީ މި ތަކެތީގެ ބަރުދަނުގައި 1 ކިލޯ (1089 ގްރާމް) ހުރި ކަމަށެވެ. އަދި ފުރަތަމަ މަރުހަލާގައި އެތަކެތި ޓެސްޓްކުރުމުން، މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ މިތަކެތީގެ މަގުމަތީ އަގު 3.8 މިލިއަން ރުފިޔާއަށް އަރާކަމަށެވެ. އަދި މި މައްސަލައިގައި ޝާމިލްވާ މީހާއާ އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކުރެވިފައިވާ ކަމަށެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 24.7 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.