ރޭ ދަންވަރު މަގުމަތީގައި އެކަނި މާ އެކަނި ރޯން ހުރި ތުއްތު ކުއްޖަކު ފުލުހުންގެ ހިމާޔަތުގެ ދަށަށް ގެނެސް، އެ ކުއްޖާގެ ބެލެނިވެރިންނާ ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ އެ ކުއްޖާ ރޯން ހުއްޓާ ފެނުނީ ރޭ 00:43 އެހާކަށްހާއިރު އެވަގުތު މަގުމަތި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ކަމަށެވެ. އަދި ވަގުތުން އެ ކުއްޖާ ފުލުހުންގެ ހިމާޔަތަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ކުއްޖާ ރޯން ހުރީ ބުރުޒު މަގުގައި ކަމަށްވެސް ފުލުހުން ބުނެއެވެ . އަދި ކުއްޖާ ހުރީ ނިދާ އިރު ލާ ކަހަލަ ހެދުމެއްގައި ކަންވެސް ފާހަގަކުރެވެއެވެ.

ފުލުހުން ބުނީ އެ ކުއްޖާގެ ބެލެނިވެރިންނާ، ކުއްޖާ ހަވާލުކުރީ ރޭ ދަންވަރު 1:00 ހާއިރު ކަމަށެވެ. އެ ކުއްޖާއަކީ އެއް އަހަރުގެ ކުއްޖެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.