ގައުމީ ފެންވަރުގައި ކުރިއަށްދިޔަ ވަރުގަދަ މުޒާހަރާތަކަކަށްފަހު ސޫދާންގެ ވެރިކަމުން އުމަރު އަލް ބަޝީރު ވަކިކުރުމަށްފަހު އެގައުމުގައި އެކުލަވާލި އާ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުން، މަގާމުގެ ހުވާކުރައްވައިފިއެވެ.
ބަޝީރުގެ 30 އަހަރަށްވުރެ ގިނަ ދުވަސްވީ ވެރިކަމުގެ ނިމުމަށްފަހު އެގައުމުގައި ހިންގި ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނެސް، ސޫދާންގައި އެކުލަވާލި އާ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ 18 މެމްބަރުންނެވެ. ބޮޑުވަޒީރު ޢަބްދުﷲ ހަމްދޫކުގެ އާ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުން މަގާމުގެ ހުވާކުރައްވާފައިވަނީ ސޫދާންގެ ރިޔާސީ ގަނޑުވަރުގައެވެ.
ސޫދާންގެ އާ ވަޒީރުންގެ މަޖިލީހުގައި ހަތަރު އަންހެން ވަޒީރުން ވެސް ހިމެނިވަޑައިގަންނަވާއިރު، މިއީ އެގައުމުގެ ތާރީހުގައި ވެސް ހާރިޖީ ވަޒީރެއްގެ މަގާމުން އަންހެން ބޭފުޅަކު ފެނިގެންދާ ފުރަތަމަ ސަރުކާރެވެ. ސޫދާންގެ އާ ސަރުކާރުގެ ހާރިޖީ ވަޒީރު ކަމުގެ މަގާމަށް އައްޔަންކުރައްވާފައި ވަނީ އަސްމާ ޢަބްދުﷲއެވެ. ވަޒީރުންގެ އާ މަޖިލީހުން ފާހަގަކޮށްލެވޭ އިތުރު ބޭފުޅަކަށް ބަލާއިރު، ވޯލްޑް ބޭންކުގެ އިކޮނޮމިސްޓެއްގެ ގޮތުގައި ކުރިން މަސައްކަތްކުރެއްވި އިބްރާހީމް އަހުމަދު އަލް ބަދަވީ ހިމެނެއެވެ. ބަދަވީ ހަމަޖައްސަވާފައިވަނީ ސޫދާންގެ މާލީ ވަޒީރު ކަމުގެ މަގާމަށެވެ.
ސޫދާންގެ އާ ސަރުކާރުގެ މައިގަނޑު އަމާޒަކީ ގައުމު ސުލްހަކޮށް، އިނދަޖެހިފައި އިގުތިސޯދު، ހީނަރުކަމުގެ އަނދަވަޅަމުން ނެގުން ކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.
ސޫދާންގައި އެކުލަވާލި އާ ސަރުކާރަކީ އެގައުމުގައި އާންމު އިންތިހާބެއް ބޭއްވެންދެން ގައުމުގެ ކަންކަން ހިންގާނެ ސަރުކާރެވެ. ސޫދާންގެ އާންމު އިންތިހާބު އޮންނަނީ މީގެ 39 މަސް ފަހުންނެވެ.