ފުލުހުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފާރަލަމުން ގެންދާ ކަމަށާއި ނަމަވެސް ކިތަންމެ ވަރަކަށް ފާރަލީ ކަމުގައި ވިއަސް ހުއްޓާނުލާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފުލުހުން އެމަނިކުފާނަށް ފާރަލަމުންދާ ކަމަށް އެމްއެންޑީއެފުން އެމަނިކުފާނަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ފާރަލަނީ ކޮން ކަމަކާއި ގުޅިގެން ކަމެއް ރައީސް ނަޝީދު ވިދާޅެއް ނުވެއެވެ. ނަޝީދު ވިދާޅުވީ ފުލުހުން އެގޮތަށް ފާރަލާފާނެ ކަމަށާއި އެކަން ގަބޫލުކުރެވޭ ކަމަށެވެ. އަދި ފާރަލައިގެން މުޅިން އެހެން ނަތީޖާއެއް ނިކުމެދާނެ ކަމަށްވެސް ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ ކިތަންމެ ވަރަކަށް ފާރަލީ ކަމުގައިވިއަސް ހުއްޓާ ނުލައްވާނެ ކަމަށެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ މިފަހަކަށް އައިސް ފުލުހުންގެ މުއައްސަސާއަށް އެމަނިކުފާނު ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ނޫސްވެރިޔާ އަހުމަދު ރިޟްވާން ރަހީނުކޮށް މަރާލި މައްސަލައިގައި ފުލުހުންގެ މުއައްސަސާއަށް އެމަނިކުފާނު އަންނަނީ ވަރަށް ބޮޑަށް ވިދާޅުވަމުންނެވެ

ރޭގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވެސް ވަނީ ރިޟްވާންގެ އެ ރިޕޯޓަށް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެ ރިޕޯޓުން އެނގިގެން ދަނީ ހަރުކަށި ވިސްނުން ރާއްޖޭގައި ފެތުރުމުގައި ފުލުހުންނާއި ސިފައިންވެސް ބައިވެރިވެފައިވާ ކަމަށެވެ. އެކަން ކަމަށް ހައްލެއް ނުހޯދޭ ނަމަ ޖިނާއީ އަދުލުގެ ނިޒާމު އިސްލާހު ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އަމާޒަކީ ފުލުސް އޮފީސް ހަރުދަނާ ކުރުން ކަމަށެވެ. އަދި އެ އޮފީހަކީ އަދުލު އިންސާފު ގާއިމްކުރުމުގެ މައިގަނޑު ތަރަހަ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.