ގަދަކަމުން ގެންގޮސް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ ކަށުނަމާދު ކުރުމާ ގުޅޭގޮތުން، އޭނާގެ އާއިލާއިން އިސްލާމިކް މިނިސްޓްރީއާއެކު މަޝްވަރާކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ރިޟްވާންގެ ކަށުނަމާދު ކުރުމާ ގުޅޭގޮތުން އޭނާގެ އާއިލާގެ ފަރާތުން އެކަމާ މިނިސްޓްރީއާ މަޝްވަރާކޮށްފައިވާ ކަމަށެވެ. ރިޟްވާންގެ އާއިލާއިން ވެސް ވަނީ އެކަށް ކަށަވަރުކޮށްދީފައެވެ. އަދި އެކަމާ ގުޅޭ ޖަވާބެއް ވަރަށް އަވަހަށް ދޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވާކަމަށް ރިޟްވާންގެ އާއިލާއިން ބުނެއެވެ.

ނޫސްވެރިޔާ ރިޟްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސް މަރާލާފައިވަނީ އޮގަސްޓް، 8 2014 ގައެވެ. ރިޟްވާން ގެއްލުނުތާ ފަސް އަހަރުފަހުން އެ މައްސަލަ މަރުކޮމިޝަނުން ތަހުގީގުކޮށް އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ ހަރުކަށި ފިކުރުގެ ބަޔަކު އޭނާ ގަދަކަމުން ގެންގޮސް މަރާލުމަށްފަހު ކަނޑު ފައްތާލާފައިވާ ކަމަށެވެ.

ރިޟްވާން ގެއްލުވާލި މައްސަލަ އަދިވެސް މަރު ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ ރިޟްވާން ރަހީނު ކުރުމަށްފަހު މަރާލާފައި ކަމަށެވެ. އެކަން ކުރީ ރާއްޖޭގައި ހަރަކާތްތެރިވާ އަލްގައިދާ ޖަމާއަތުގެ ގޮފިން ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

ކޮމިޝަނުގެ ތަހުގީގީ ރިޕޯޓުގައި ރިޟްވާން ގެއްލުވާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ ނަންތަކާއި ވަނަވަރު ހާމަކޮށްފައިވާ އިރު، މި މައްސަލައާއި ގުޅިގެން 14 މީހަކަށް ރާއްޖެއިން ނުފުރޭނެހެން ވަނީ ޕާސްޕޯޓް ހިފަހައްޓާފައެވެ.