ގަދަކަމުން ގެންގޮސް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލި ހާދިސާގައި ރިޟްވާނަށް ފާރަލުމުގެ މަސައްކަތުގައި އުޅުނު 2 ފުލުހުން އަލުން ވަޒީފާއަށް ނުކުންނަން އެންގީ ކުރީ ސަރުކާރުންކަން ހާމަވެއްޖެއެވެ.

ކުރީގެ ހޯމް މިނިސްޓަރުގެ ތުހުމަތުތަކަށް ޖަވާބު ދެމުން ފުލުހުން ބުނީ، އެ ދެ ފުުލުހުންގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ބަލަމުންދާތީ ވަޒީފާއާ މެދު ގޮތެއް ނިމެންދެން ޖުލައި 13، 2017 ވަނަ ދުވަހުން ފެށިގެން މުސާރަ ނުލިބޭގޮތަށް ރަސްމީ މަސައްކަތުން ދުރުކޮށްފައިވާ ކަމަށެވެ. އަދި ނޮވެމްބަރު 7، 2018 ވަނަ ދުވަހު އެ ދެފުލުހުން ވަނީ އަނބުރާ ވަޒީފާއަށް ނެރެފައި ކަމަށެވެ. ފުލުހުން ބުނީ އެ ދެ ފުލުހުންގެ ޑިސިޕްލިނެރީ މައްސަލަ މިހާރު ވެސް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުންދާ ކަމަށެވެ.

"މިހާރުގެ ރައީސް [އިބްރާހިމް މުހައްމަދު ސޯލިހު] ހުވާކުރައްވާފައި ވަނީ ނޮވެމްބަރު 17، 2018 ގައި. އެ ދެ ފުލުހުންނަށް އަނބުރާ ވަޒީފާއަށް ނެރެފައި ވަނީ ނޮވެމްބަރު 7، 2018 ގައި. އެއިރުގެ ސީޕީއަކަށް ހުންނެވީ ހަމްދޫން ރަޝީދު އަދި އޮތީ ކުރީގެ ސަރުކާރު"

ދެ ފުލުހުން ހައްޔަރު ކުރުމަށް އެޓާނީ ޖެނަރަލް އޮފީހުން ލަފާދީފައިވީ ނަމަވެސް ފުލުހުންގެ ބުނެފައި ވަނީ އެ ދެ ފުލުހުން ހައްޔަރު ކުރެވޭ ވަރަށް ހެއްކެއް ނެތް ކަމަށެވެ. ނަމަވެސް މަރުތައް ބަލާ ރިޔާސީ ކޮމިޝަންއަށް އެ ދެ ފުލުހުން ހައްޔަރު ކުރުމުގެ އަމުރަކަށް އެދެވޭނެ ކަމަށެވެ. ރިޟްވާންގެ މައްސަލާގައި ވަރަށް ބޮޑަށް ނުފޫޒު ފޯރުވި ފުލުހުންގެ މައްސަލަތައް ކުރިޔަށް ނުދާތީ ސަރުކާރުގެ އިސްވެރިންގެ ފާޑު ކިޔުން ފުލުހުންގެ އިދާރާއަށް ވަނީ އަމާޒުވެފައެވެ.

ރިޟްވާން ގެއްލުވާލި މައްސަލައިގައި ހައްޔަރު ކުރަން އެންގި ދެ ފުލުހުންނަކީ ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހުއާއި އިބްރާހިމް ރިއްފަތެވެ. އެ ދެމީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ ރިލްވާން ސީރިއާގައި މަރުވެފައިވާ ކަމަށް ދައްކަން މަސައްކަތް ކުރި ކަމުގެ ތުހުމަތެވެ.