މިއަދު ހަވީރު ޅ. ހިންވަރުން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް، ފަޅައިގެން ދިޔުމުގެ ސަބަބން ކާށިދޫ ކަނޑަށް ދިޔަވަމުންދިޔަ ލޯންޗް ރައްކާތެރިކަމާއެކު ކާށިދޫއައްވައްދާ މިހުން ސަލާމަތްކޮށްފިއެވެ.
އެމްއެންޑިއެފުން ބުނީ މިއަދު ހަވީރު 5:30 ހާއިރު "ކޮމްޕަސް" ނަމަކަށް ކިޔާ ލޯންޗެއް 20 މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް، ކާށިދޫއާ ދިމާލުން ހަތް ނޯޓިކަލް މޭލު ބޭރުން ދިޔަވާކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް މާލެ އޭރިއާ ސްކޮޑްރަންއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި ވަގުތުން ސިއެމްބިއުލާންސް އިން ލޯންޗަށް އެހީތެރިކަން ފޯރުކޮށްދިން އިރު، ކޯސްޓްގާޑުގެ އެހީގައި އެ ލޯންޗް ކާށިދޫއަށް ވައްދާފައިވާ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި ލޯންޗު ދިޔަވަމުން ދަނީ ލޯންޗު ފަޅައިގެން ދިއުމުގެ ސަބަބުންނެވެ. އަދި މި ލޯންޗުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އާއިލާގެ ބޭފުޅުން ތިބިކަމަށް މައުލޫމާތު ލިބެއެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ލޯންޗުގެ ޖާގައަށްވުރެ އިތުރަށް ތިން މީހަކު އަރުވާފައިވެއެވެ.
އެމްއެންޑީއެފުން ހިއްސާ ކުރި ފޮޓޯތަކުން ފެންނަގޮތުގައި ލޯންޗުގެ ބޮޑުބައެއް ވަނީ ދިޔަވެފައެވެ. އަދި މީހުން ތިބީ އޭގެ ތެރޭގައި ކޮޅަށެވެ.
މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ގަދަ ނަކަތް ދިމާވާ ދުވަސްވަރުކަމުން، ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަވަމުންނެވެ. އަދި ކަނޑުގަދަވާނެކަމަށް ލަފާކޮށް ބައެއް ހިސާބުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އަންނަނި އެލާޓްވެސް ނެރެމުންނެވެ. ލޯންޗް ފަޅައިގެން ދިޔަވުމުގެ ހާދިސާއެއް ދިމާވެފައިވާ އިރު، ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދު ބޯކޮށް ވާރޭވެހި ގުރުމާއެކު 40 މޭލަށް ވައިގަދަވާނެކަމަށް މުސުމާބެހޭ އިދާރާއިން ވަނީ ބުނެފައެވެ.