މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާންގެ މައްސަލައާ ގުޅިގެން ފުލުހުން އަޅަންޖެހޭ ފިޔަވަޅު އަޅާކަން ކަށަވަރު ކުރައްވާނެ ކަމަށް މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ، ރިޟްވާންގެ މައްސަލަ ތަހުގީގު ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ކަމަށެވެ. އަދި އެ ތަހުގީގަށް ބިނަކޮށް ދައުލަތުގެ މުއައްސަސާތައް މެދުވެރި ކުރައްވާ ރައީސް ސޯލިހް ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވެފައިވާއިރު، ރިޟްވާން މައްސަލާގައި ތަހުގީގަށް ހުރަސް އެޅި ކަމަށް ބުނާ ދެ ފުލުހުން، ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493) އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) ހައްޔަރު ކުރުމަށް އެދި ބަންޑާރަ ނާއިބުގެ އޮފީހުން ފުލުހުންނަށް ވަނީ ސިޓީއެއް ފޮނުވާފައެވެ. ނަމަވެސް އެ ސިޓީގެ ޖަވާބުގައި މި ދެ ފުލުހުން ހައްޔަރު ކުރުމަށް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ފުލުހުން ވަނީ ނޫސްބަޔާނެއް ނެރެފައެވެ.
ފުލުހުން ބުނީ ރިޟްވާން މާރާލި މައްސަލައަކީ މިހާރުވެސް މަރު ކޮމިޝަނުން ތަހުގީގު ކުރަމުންދާ އެކޮމިޝަންގެ ހާއްސަ އިހްތިސާސްގެ ތެރޭގައި ހިމެނޭ ޖިނާއީ މައްސަލައަކަށް ވާތީއާ، އެ މައްސަލާގައި ފުލުހުންގެ އޮފިސަރުން ތަކެއް ޝާމިލު ވާތީއާ އެ ކޮމިޝަނުން ކުރެވުނު ޖިނާއީ ތަހުގީގުން ހެއްކާއި ގަރީނާތައް ހޯދައި މައުލޫމާތު އާންމު ކޮށްފައިވާ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ޖިނާއީ އިޖުރާއަތްތަކެއް އެ މުއައްސަސާއިން އަލުން ހިންގުމުގެ ކުރިން މަރު ކޮމިޝަނާއި ފުލުހުން ވަނީ މަޝްވަރާކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.