ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރަކީ ގިނަ ބަޔަކަށް ސިހުން ގެނުވި މަރެކެވެ. އެ މަރާ ގުޅިގެން އެކި ގޮތަށް އެކި ވާހަކަ މިއަދުވެސް ދަނީ ދައްކަމުންނެވެ. މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ރިޟްވާންގެ މަރާ ގުޅޭ ގޮތުން އާންމު ކުރި މައުލޫމާތު ތަކުގެ ސަބަބުންވެސް ސުވާލުތައް ދަނީ ގިނަ ވަމުންނެވެ.

ކުރިން ޖަބާވު ނުލިބި ހުރި ގިނަ ސުވާލުތަކަށް މިހާރު ޖަވާބު ލިބިފައި ވީ ނަމަވެސް، މިއަދު އެބަޔަކަށް އެންމެ ބޮޑަށް އިނގިލި އަމާޒު ވަމުންދާ ފުލުހުންގެ ވާހަކަ ދައްކަމާ ހިނގާށެވެ.

ރިޟްވާންގެ މަރާ ގުޅިގެން މަރު ކޮމިޝަނުން ހާމަކުރި ރިޕޯޓުގައި ރިޟްވާނަށް ފާރަލުމުގެ މަސައްކަތުގައި އަަވަދިނެތި އުޅުނު 2 ފުލުހެއްގެ ވާހަކަ އޮވެއެވެ. މިހާރު ސޯޝަލްމީޑިއާގައި ސިޔާސީ ވެރިން އެންމެ ގިނައިން ދައްކާ އެއް ވާހަކަ އަކީ އެ ދެ ފުލުހުން ހައްޔަރު ނުކޮށްގެން ދައްކާ ވާހަކަ އެވެ. އެ ދެ ފުލުހުން މިހާރުން މިހާރަށް ވަޒީފާއިން ވަކި ކުރަން ޖެހޭ ވާހަކަ އެވެ.

ރިޟްވާން ރިޕޯޓާ ގުޅިގެން 2 ފުލުހަކު 'ކަތިލަމުން' ދާއިރު އެ ދެ ފުލުހުންނަށް އަމުރު ކުރި މީހުން ނުވަތަ ވެރިންގެ ވާހަކަ ނުދައްކަނީ ކީއްވެތޯ ސުވާލު އުފައްދަން ޖެހެއެވެ. ފުލުހުންގެ މަސައްކަތްތައް އިންތިޒާމް ކުރެވިފައި ހުންނަ ގޮތުން، އެއްވެސް ފުލުހަކަށް ވަޒީފާގެ މަސައްކަތެއް ކުރެވޭނީ އެ ފުލުހަކު ނިސްބަތްވާ ޑިޕާޓުމަންޓެއް ނުވަތަ ސެކްޝަނެއްގެ ވެރިއެއްގެ 'އިންސްޓްރަކްޝަން' ލިބިގެން ނުވަތަ އެކަމެއް ކުރަން އެންގީމައެވެ. ފުލުހުންގެ މަސައްކަތްތައް އިންތިޒާމް ކުރެވިފައި ހުންނަނީ އަމިއްލަ އަމިއްލައަށް ފެނިގެން ވަކިވަކި ފުލުހުންނަށް ކަންކަން ކުރެވޭ ގޮތަކަށް ނޫނެވެ.

އަހުމަދު ރިޟްވާން އަބްދުﷲ / ފޮޓޯ: ސޯޝަލްމީޑިއާ

ކަން މިހެން އޮތް އިތު، ރިޟްވާން ރިޕޯޓުގައި ބުނާ 2 ފުލުހުން ޒިންމާ އުފުލަން ޖެހޭ ގޮތަށް އެ ދެ ފުލުހުންނަށް އަމުރު ކުރި ޑިޕާޓުމަންޓުތަކުގެ ވެރިންނާއި ވެރިންގެ ޑެޕިއުޓީން ޒިންމާ އުފުލަން ނުޖެހޭތޯއެވެ.

މަރު ކޮމިޝަނުގެ ރިޕޯޓުގައި ބުނާ ގޮތުން، ފުލުހުން ގެންދިޔައީ އެޕްރީލް 24، 2014 އިން ފެށިގެން ރިޟްވާނުގެ ފޯނުތައް އަޑުއަހަމުންނެވެ. ފުލުހުން އެކަން ކުރީ "މީނާ (ރިޟްވާން) އާއި އިތުރު ބަޔަކާ ބައިވެރިވެގެން ދިވެހިރާއްޖޭގެ ގައުމީ ސަލަމަތަށް ނުރައްވާ ފަދަ ކަންތައްތަކެއް ހިންގަމުންދާ ކަމުގެ ސިއްރު މައުލޫމާތު ފުލުހުންގެ އިންޓަލިޖެންސަށް ލިބިފައި ވުމުން" ކަމަށް ބުނެ ކޯޓު އަމުރެއް ހޯދައިގެންނެވެ. އެ ފޯނު ކޯލުތައް ޖުލައި 21، 2014 އާއި ހަމައަށް އަޑުއެހުމަށް ހަވާލު ކުރީ އެ ރިޕޯޓުގައި ބުނާ 2 ފުލުހުންނާއެވެ.

ފުލުހުން އެ މަސައްކަތް ކުރަމުން ދިޔަ އިރު އެ 2 ފުލުހުން ނިސްބަތްވާ އިންޓެލް ޑިޕާޓުމަންޓުގެ ހެޑަކަށް ހުރީ އިބްރާހިމް ހަލީލެވެ. އެއީ ނޮން ކޮމިޝަންޑް އޮފިސަރެކެވެ. އެ 2 ފުލުހުންގެ ސްޕަވައިޒަރަކީ އަހުމަދު ހަމީދު އަބްދުއްރަހީމެވެ. އަދި ރިޟްވާނަށް ފޮލޯ ކުރަން ނުވަތަ ފާރަލާން ހަލީލަށް އިރުޝާދު ދިނީ އިންޓެލްގެ ޓެކްނިކަލް ބައިގައި އުޅޭ މުހައްމަދު ފަޔާޒު އިސްމާއީލެވެ.

މިހާރު ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ (ކ) އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (ވ) / ފައިލް ފޮޓޯ

ދެން އޮތީ މިހާ ހިސާބުން މިވާހަކަ ނިންމިދާނެތޯއާއި މަތީގައި ބުނެފައިވާ މީހުންގެ އިތުރުން އެހެން ބަޔަކާ ދޭތެރޭ ސުވާލު އުފައްދަން ނުޖެހޭތޯ ކުރެވޭ ސުވާލެވެ. ރިޟްވާންނުގެ މަރުގެ ވާހަކަ ދައްކާ ނަމަ، މިކަމުގައި ހަމަ އެކަނި އިންޓަލިޖެންސްގެ ވާހަކަ ދައްކާފައި ނިންމާލެވޭކަށް ނެތެވެ. މިކަމުގައި ހިމެނޭ ކްރިމިނަލް އިންވެސްޓިގޭޝަންގެ ވާހަކަވެސް ދައްކަން ޖެހެއެވެ. އެވާހަކަ ދައްކާނަމަ، އެކަން ކުރަން ފުލުހުންގެ މުއައްސަސާގައި އޮންނަ ޑިޕާޓުމަންޓުގެ ވާހަކަ ނުދައްކާ ފުރިހަމައެއް ނުވާނެއެވެ.

ފުލުހުންގެ މަސައްކަތުގެ ހައިރާކީ އޮންނަ ގޮތުން، ޑިޕާޓުމަންޓުތައް ހިނގަމުން ދާނީ ކޮމިޝަން ކޮށްފައި ހުންނަވާ އޮފިސަރެއްގެ ބެއްލެވުމުގެ ދަށުންނެވެ. ބައެއް ފަހަރު އެއް އޮފިސަރަކަށް އެއް ޑިޕާޓުމަންޓަށް ވުރެ ގިނަ ޑިޕާޓުމަންޓުވެސް ހަވާލު ކޮށްފައި އެބަ ހުއްޓެވެ. ކޮމިޝަން ކޮށްފައި ހުންނަ އޮފިސަރުގެ ބެލުމުގެ ދަށުން ޑިޕާޓުމަންޓު ހިންގަން ހުންނަ ހެޑްގެ އިތުރުން ޑިޕްޓުމަންޓުގައި ހުންނަ ސެކްޝަންތަކުގައިވެސްް އިންޗާޖުން ތިބެއެވެ. މި އެންމެންގެ މައްޗަށް ކޮމިޝަނަރު ހުންނަވާ އިރު އެފަދަ މައުލޫމާތެއް ކޮމިޝަނަރަށް ނޭނގިވެސް ނުހިނގާނެއެވެ. އަދި ހޯމް މިނިސްޓަރަށްވެސް އެކަމެއްގެ ބާވަތުން 'ބްރީފިން' ލިބޭނެއެވެ. އެހެން ކަމަށް ވާނަމަ، ރިޟްވާނަށް ފާރަލަމުން ގެންދިޔަ 2 ފުލުހުންގެ ވާހަކަ އެކަނި ދައްކައިގެން ނިންމާލަން އުޅުމަކީ އެންމެ އިންސާފުވެރި ގޮތަށް ވެދާނެތޯ ސުވާލު އުފެދެއެވެ.

ރިޟްވާނުގެ މަރާ ގުޅޭ ގޮތުން ހާމަ ކޮށްފައި އޮތް ރިޕޯޓުގެ މައްޗަށް އެކި މީހުން އެކި ގޮތަށް ވާހަކަ ދެއްކިޔަސް ހިންގާފައި ވަނީ 'ޕްލޭންޑް މާޑާ" އެކެވެ. "ކޮންޓްރެކްޓް ކިލާ" އިން ބޭނުންކޮށްގެން ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާ ފަދަ ނުރައްކާތެރި "މާޑާ" އެކެވެ. އެއީ ހަމަ އެކަނި ރިޟްވާން ވެގެން ދައްކާފައި ހުއްޓާލެވޭ ވަރަށް ވުރެ "ބޮޑު" ވާހަކައެއްވެސް މެއެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ވޭތުގެ ދިޔަ 7 އަހަރު ތެރޭގައި ގެއްލި ނުފެނި ވާ 148 މީހުން އެބަ ވެއެވެ. މި މީހުންނަށް ވީ ކީއްތޯ އަހާ ސުވާލު ކުރަން ޖެހެއެވެ. މިމީހުން ކަނޑު ފެއްތީތޯ، ބޯ ބުރިކޮށް އެއްލައިލީތޯ، ދިރިހުއްޓާ ވަޅުލީތޯ، އެކްސިޑެންޓެއް ކޮށް މަރާލީތޯ، ނުފެންނަ ތަނެއްގައި ބަނދެފައި ބޭންދީތޯ، މިއީ ހައްތަހާވެސް ސުވާލެވެ. މިހާ ގިނަ އަދަދެއްގެ ބަޔަކު ނުފެނި، ވީނުވީއެއް ނޭނގި ގެއްލިފައި ވާ ވާހަކަ ބުނީމައި އެއީ އާދައިގެ ކަމަކަށް ބަލައިގެން ތިބެވެން ނެތްކަން، ހާމަވެފައިވާ ރިޟްވާންގެ ރިޕޯޓުން އެނގޭނޫންތޯއެވެ.