މިނިވަން ނޫހުގެ ނުސްވެރިޔާ އަހްމަދު ރިޟްވާން ގެއްލުވާލި މައްސަލާގައި މަރު ކޮމުޝަނުން ތައްޔާރުކުރި ރިޕޯޓާ ގުޅިގެން އެމްއެންޑީއެފް އޮފިޝަލެއްގެ މައްސަލަ ބެލުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އަންގައިފިއެވެ.

މި ރިޕޯޓާ ގުޅިގެން ފުލުހުން ރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، އޭޖީ އޮފީހުން ފޮނުވި ސިޓީގައި، ރިޟްވާން ގެއްލިފައި ވަނިކޮށް، އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ ކަމަށް ދެއްކުމަށް، އޭނާގެ ޕޯސްޕޯޓެއް ހޯދުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ މުއާމަލާތް ކޮށްފައި ވާތީ، އެމްއެންޑީއެފްގެ ކާނަލް އަބްދުއްރައޫފްގެ މައްސަލަ ބެލުމަށް އެދިފައިވާ ކަމަށެވެ.

ކާނަލް ރައޫފާއި އަދީބުގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސް ދެ އޮފިސަރުން އަދި މިހާރު ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ ވެސް ވަނީ ރިޟްވާންގެ ޕާސްޕޯޓެއް ހޯދުމަށް މަސައްކަތް ކޮށްފައި ކަމަށް މަރު ކޮމިޝަނުގެ ރިޕޯޓުގައި ބުނެއެވެ. އަދި މިކަމާ ގުޅިގެން، ފަނޑިޔާރު ހަސަން އަލީގެ މައްސަލައެއް ޖޭއެސްސީން ބަލަމުން ދާއިރު، އިންޓެލިޖެންސް ދެ އޮފިސަރުންގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މީގެ އިތުރުން ފުލުހުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ރިޟްވާންގެ މައްސަލައާ ގުޅޭގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލައިފައި ވާ ރިޕޯޓު އެ މުއައްސަސާއަށް ހިއްސާ ކޮށް ދިނުމަށް އެދިފައިވާނެ ކަމަށެވެ. އަދި އެ ރިޕޯޓު ލިބުމުން ރިޕޯޓުގައި ފާހަގަ ކޮށްވާފައި ވާ އެ މުއައްސަސާއާ ގުޅޭ ކަންކަމުގައި އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.