ކަޝްމީރުގެ މައްސަލައަކީ މުސްލިމު އުއްމަތުގެ މައްސަލައެއް ނޫންކަމަށާ، އެއީ ޕާކިސްތާނާ އިންޑިއާ ސަރުކާރާ ދެމެދު އޮތް މައްސަލައެއް ކަމަށް ދާދި ފަހުން ޕާކިސްތާނަށް ވަޑައިގެންނެވި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ހާރިޖީ ވަޒީރު ޝައިހު ޢަބްދުﷲ ބިން ޒައިދު ބިން ސުލްތޯން އަލް ނަހްޔާން ވިދާޅުވެއްޖެއެވެ.

ކަޝްމީރުގެ މައްސަލާގައި އެކުވެރި އަރަބި އިމާރާތް އޮތީ ޕާކިސްތާނާ އެކުގައި ކަމަށް ޕާކިސްތާނުގެ ބައެއް އޮފިޝަލުން ވިދާޅުވަމުން ގެންދަވަނިކޮށް، ޔޫއޭއީގެ ހާރިޖީ ވަޒީރު ވަނީ މިއާ ހިލާފަށް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، ކަޝްމީރުގެ މައްސަލައަކީ މުސްލިމު އުއްމަތުގެ މައްސަލައެއް ކަމަށް ޕާކިސްތާނުން ހަދައިގެން ނުއުޅުމަށްވެސް ވަޒީރު ވަނީ ގޮވާލައްވާފައެވެ.

ހަމަ މިއާއެކު އިންޑިއާއާއި ޕާކިސްތާނުން މިމައްސަލަ ހައްލުކުރުމަށްވެސް ޔޫއޭއީގެ ހާރިޖީ ވަޒީރު ވަނީ ގޮވާލައްވާފައެވެ.

އެކުވެރި އަރަބި އިމާރާތުގެ ވަޒީރަކު ޕާކިސްތާނަށް ވަޑައިގެން، ޕާކިސްތާނުގެ ފިކުރާ ހިލާފަށް ވާހަކަފުޅު ދައްކަވާފައިވާ މި ދަނޑިވަޅަކީ އެކުވެރި އަރަބި އިމާރާތުން ވަކި ފަރުދަކަށް އަރުވާ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ އޯޑާ އޮފް ޒައިދު އެވޯޑް، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއަށް އަރުވާފައިވާ ދަނޑިވަޅެކެވެ. ޔޫއޭއީއިން މި އެވޯޑް މޯދީއަށް އަރުވާފައިވަނީ، އެކަމާ ދެކޮޅަށް ޕާކިސްތާނުން އިހުތިޖާޖުކުރަމުންދަނިކޮށެވެ.