ގެއްލިގެން ހޯދަމުން ދިޔަ މީހަކު މާލެ ކައިރީ ކަނޑުމަތިން ހޯދައިފިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، މިއަދު ހަވީރު 5:15 ހާއިރުން ފެށިގެން ވީނުވީއެއް ނޭނގި 57 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިފައިވާ ކަމަށް ބުނެ މިރޭ 8:34 ހާއިރު ފުލުހުންނަށް ރިޕޯޓްފައިވާ ކަމަށެވެ. އަދި މި މީހާ މާލެ ކައިރީ ކަނޑުމަތިން އެމްޓީސީސީ ފެރީ އަކަށް މިރޭ 9:30 ހާއިރު ނަގައިގެން ފުލުހުންގެ އިދާރާއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މިހާރު މި މީހާ ވަނީ ފުލުހުންގެ އިދާރާގައި ކަމަށާއި، އޭނާގެ އާއިލާއާ އޭނާއާ އެކު ތިބި ކަމަށެވެ. އަދި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

ގެއްލިގެން ހޯދަމުން ދިޔަ މި މީހާ މިއަދު ހޯދާފައި ވާއިރު، އެކިގޮތްގޮތުން ގެއްލިފައިވާ މީހުންގެ ތެރެއިން މިދިޔަ 7 އަހަރު ތެރޭގައި ނުފެނި ތިބި 148 މީހުން އެބަ ތިއްބެވެ. މި މީހުންގެ ތެރެއިން 143 މީހުންނަކީ ކަނޑުމަތީގެ އެކި ހާދިސާތަކުގައި ގެއްލި މިހާތަނަށް ހަބަރެއް ވެފައި ނުވާ މީހުންނެވެ. ބާކީ ތިބި ފަސް މީހުންގެ ތެރޭގައި، ފަޅުރަށެއްގައި އުޅެނިކޮށް ގެއްލިފައިވާ މީހަކާއި، ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ގެއްލިފައިވާ މީހެއްގެ އިތުރުން، ރާއްޖެއިން ބޭރުގައި އުޅެނިކޮށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ހުށަހެޅުނު ދެ މީހަކު އަދި ވީނުވީއެއް ނޭނގި ގެއްލިފައި ވާކަމަށް ހުށަހެޅި އަދި މިހާތަނަށް ފެނިފައިނުވާ މީހެއް ހިމެނެއެވެ.