މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެ ފުލުހުން ހައްޔަރުކުރުމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ފުލުހުންނަށް އަންގަވައިފިއެވެ.

އޭޖީ އެގޮތަށް އެންގެވީ، މިއަދު ފުލުހުންނަށް ފޮނުވި ސިޓީއަކުންނެވެ. އެ ސިޓީގައި، ރިޟްވާން މައްސަލައިގެ ތަހުގީގަށް ހުރަސް އެޅި އިންޓެލް ދެ ފުލުހުން ކަމަށްވާ، ކޯޕްރަލް މުހައްމަދު ޖިނާޙު އަދި ކޯޕްރަލް އިބްރާހީމް ރިފްއަތު މުޖުތަމައުއަށް ދޫވެފައި ތިބުމަކީ، މި މައްސަލައިގެ މިނިވަން ތަހުގީގު ކުރިއަށް ގެންދިއުމަށް ހުރަސް އެޅިދާނެ ކަމެއް ކަމަށް ބުނެފައިވެއެވެ. އަދި މި ދެ ފުލުހުން ހައްޔަރުކުރުމަށް އަމުރެއް ހޯދުމަށް ކުރިމިނަލް ކޯޓުގައި އެދުމަށް ވެސް މި ސީޓީގައި ވެއެވެ.

ރިޟްވާންގެ މައްސަލާގައި ހިމެނޭ ދެ އިންޓެލް ފުލުހުން ހައްޔަރު ކުރުމަށް ފުލުހުންނަށް އެންގީ ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ބ)ގެ ދަށުން ކަމަށް އޭޖީ ބުނެއެވެ. އެ މައްދާގައި ވަނީ، ގާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމާއި ރައްޔިތުންގެ ސަލާމަތާއި ރައްޔިތުންގެ މަންފާއާއި، އާންމު މިނިވަންކަން ދިފާއުކުރުމަށް ބަންޑާރަނައިބު މަސައްކަތްކުރައްވަން ވާނެ ކަމަށެވެ.

ފުލުހުންނަށް ފޮނުވި ސިޓީގައި، ސެކިއުލާ ފިކުރުގެ ދެމީހަކު ރަހީނު ކުރުމަށް އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައި ވާއިރު، އެކަމަށް ފިޔަވަޅެއް އަޅާފައި ނުވަނީ ކީއްވެގެންކަން ބަލާ ތަހުގީގު ކުރެމަށް އެދިފައިވެއެވެ. އަދި އެކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތައް ވަޒީފާގެ މަސައްކަތްތަކުން އެކަހެރި ކުރުމަށް ވެސް އޭޖީ ވަނީ އެދިވަޑައިގެންފައެވެ.

ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވަނީ، ސެކިއުލާ ފިކުރުގެ ދެމީހަކު ރަހީނު ކުރުމަށް އުޅޭކަމުގެ މައުލޫމާތު 2014 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް އޭ-ގްރޭޑް ސޯސްއަކުން ލިބިފައިވާ ކަމަށެވެ. އަދި އެ ދެ މީހުން ރަހީނު ކުރުމަށްޓަކައި ލޯންޗެއް ތައްޔާރު ކުރި ކަންވެސް ފުލުހުންގެ އިންޓެލް އަށް އެނގުނުކަން އެނގިފައިވާ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވެއެވެ.