ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އދ. އަތޮޅަށް ވަޑައިގަތުމުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ރުޅިގަދަވެއްޖެއެވެ.

މިއަދު ޑރ. ޖަމީލް، ރައީސް ޔާމީނާ އެކު އދ. އަތޮޅަށް ދަތުރު ފެއްޓެވުމުން، ޖޭޕީން ވަނީ، އެއީ ޕާޓީއަށް އެނގިގެން ކުރައްވާ ދަތުރެއް ނޫންކަމަށް ބުނެފައެވެ. އަދި އެއީ ޕާޓީގެ ސުލޫކު ތަކާ ހިލާފު ކަމެއް ކަމަށާ، އެކަމާ މެދު އެ ޕާޓީގެ ކައުންސިލް މެންބަރުން ދަނީ ނުހުން ފާޅުކުރަމުންނެވެ.

ޖަމީލާ މެދު ވަކި ގޮތަކަށް ކަން ކުރުމަށް ޖޭޕީން އަދި ނިންމާފައި ނުވާއިރު، މިއީ، އެ ޕާޓީގެ އުސޫލުތައް އޮންނަ ގޮތުން މެންބަރުންނަށް ސުލޫކީ މައްސަލަ ވެސް ހުށަހެޅޭނެ ކަމެއް ކަމަށް އެ ޕާޓީން ބުނެއެވެ. އެގޮތުން، ބައެއް މެންބަރުން ދަނީ ޑރ. ޖަމީލާ މެދު ފިޔަވަޅު އެޅުމަށްވެސް ގޮވާލަމުންނެވެ.

ޑރ. ޖަމީލް ހުންނެވީ، އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގެންފައި ކަމަށް އޭނާ މިއަދު ވިދާޅުވެފައި ވާއިރު، އޭނާއަކީ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރެވެ.

ރައީސް ޔާމީނާއެކު އދ. އަތޮޅަށް ދަތުރު ފައްޓަވަމުން ޑރ. ޖަމީލް ވަނީ، މިއަދު ރާއްޖޭގެ އިގްތިސޯދު ދަނީ ރަނގަޅަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާ، ރާއްޖޭގެ ރައްޔިތުންް ވަރަށް ބޮޑަށް ފަގީރު ވެއްޖެ ކަަމަށް ވިދާޅުވެ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

ޑރ. ޖަމީލް ވިދާޅުވީ، ރާއްޖޭގައި އެވެސް ކަހަލަ ޕްރޮޖެކްޓެއް ނުހިނގާ ކަމަށާ، ރާއްޖޭގެ ގާނޫނުތަކާއި ރާއްޖޭގައި ހިނގާ އެހެން ކަންތައްތަކަަށް ބެލި ނަމަވެސް ރައްޔިތުންނަށް ގޮތެއް ވެފައި ނެތް ކަމަށެވެ. އަދި ވަކި ގޮތަކަށް ކަންތައްތައް ބައްޓަން ކުރަމުންދާތަން ފެނި ވަޑައިގަންނަވާ ކަމަށާ، އެކަންތައް ހުއްޓުވުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.