އިންސާނީ ހައްގުތައް ހިމާޔަތްކުރަން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އިންސާނީ ހައްގުތަކާއި ބެހޭ ހައިކޮމިޝަނަރު ތައުރީފު ކުރައްވައިފިއެވެ.
އިންސާނީ ހައްގުތަކާއި ބެހޭ އދގެ ކޮމިޝަނަރު މިޝޭލް ބެޝެލޭ، ރާއްޖެއަށް ތައުރީފު ކުރައްވާފައި ވަނީ އދ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ މެމްބަރު ގައުމުތަކާއި އޮބްޒާވާ ގައުމުތަކާއިއެކު ހައިކޮމިޝަނަރު ޖެނީވާގައި ހުންނަ އދގެ އޮފީހުގައި އިއްޔެ ބޭއްވެވި ނުރަސްމީ ބައްދަލުވުމުގައެވެ. މި ނުރަސްމީ ބައްދަލުވުމަކީ އދގެ އިންސާނީ ހައްގުތަކާއި ބެހޭ ސެޝަންތަކުގެ ކުރިން އަބަދުވެސް ހައިކޮމިޝަނަރު ބާއްވަވާ ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައި ކޮމިޝަނަރު ބެޝެލޭ ވިދާޅުވީ ކުރިއަށް އޮތް އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ 42 ވަނަ ސެޝަންގައި އެކަމަނާ ދައްކަވާ ވާހަކަފުޅުގައި މޫސުމީ ބަދަލުތަކާއި ގުޅިގެން މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭ ވާހަކަތަކަށް އަލިއަޅުވާލައްވާނެކަމަށެވެ. އަދި އަވަސް ފިޔަވަޅުތަކެއް ގައުމުތަކުން ނާޅާއިފިނަމަ އދގެ 2030 އެޖެންޑާގައި ހިމެނޭ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްނުވާނެކަމަށް ދެކެވަޑައިގަންނަވާކަމަށް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ ކުރިއަށް އޮތް ސެޝަންގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމުގައި ގައުމުތަކުން ހޯދާފައިވާ ކާމިޔާބީގެ ވާހަކަ އިތުރުކުރުމަށް އެކަމަނާ ބާރު އެޅުއްވިއެވެ. އެގޮތުން ރާއްޖޭގެ މިސާލު ނަންގަވަމުން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ރާއްޖެއިން އޮފީސް އޮފް ދަ ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސްއާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމާއި، އިންސާނީ ހައްގުތަކާއި ބެހޭ މުޝީރަކު ރާއްޖެއަށް ފޮނުއްވުމަށް ދިވެހި ސަރުކާރުން އެދިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަކީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ ރަނގަޅު މިސާލެއްކަމަށް ހައިކޮމިޝަނާ ފާހަގަކުރެއްވިއެވެ. ރާއްޖެއިން އދގެ އިންސާނީ ހައްގުތަކާއި ބެހޭ ހައިކޮމިޝަނަރުގެ އޮފީހުގެ އެހީއަށް އެދިފައިވަނީ ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އިސްނަގައިގެންނެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވަޑައިގެންނެވީ ޖެނީވާގައި ހުންނަ އދގެ އޮފީހަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ ދާއިމީ މަންދޫބު ހާލާ ހަމީދުއެވެ. އެމްބެސެޑަރު ހާލާގެ ވާހަކާގައި މޫސުމީ މައްސަލަތަކަށް އަވަސް ހައްލެއް ގެނައުމަށް ހައި ކޮމިޝަނަރު ދެއްވާ އަހައްމިއްޔަތުކަމަށް ޝުކުރު އަދާކުރައްވައި، މޫސުމީ ބަދަލުތަކުގެ މައްސަލައަށް އިންސާނީ ހައްގުތަކުގެ ނަޒަރުން ވަކާލާތު ކުރައްވާތީ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން އެކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކުރިއަށް އޮތްތަނުގައިވެސް ހައިކޮމިޝަނަރުގެ އޮފީހާއި ގުޅިގެން ރާއްޖެއިން މަސައްކަތްކުރަމުންދާނެ ކަމުގެ ޔަގީންކަން އެމްބެސެޑަރު ހާލާ، ވަނީ ހައިކޮމިޝަނަރަށް އަރުވާފައެވެ. އަދި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް 2 އަންހެން ބޭފުޅުން އައްޔަންކުރެވުނު ކަމުގެ މައުލޫމާތު ހައިކޮމިޝަނަރާއި ހިއްސާކުރައްވައި، އިންސާނީ ހައްގުތައް ކަށަވަރުކޮށްދީ، ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާކަން ފާހަގަކުރެއްވިއެވެ.