"ޑަބަލް ސްޓޭޓް" އޮތުމުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މިހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދަށް އޮޅިވަޑައިގެންނެވީ ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފާޑުވިދާޅުވެއްޖެއެވެ.

އުމަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރުން އަށް މަސް ފަހުން ތައްޔާރު ކުރި ރިޕޯޓުގައި އާ އެއްވެސް ކަމެއް ނެތް އިރު، މި ފެނިގެން ދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޕޯޓް އެރުވުމުގެ ބަދަލުގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދަށް ރިޕޯޓް އެރުއްވިތަން ކަމަށެވެ.

"ޑީޕް ސްޓޭޓް" އެއް ނޫން "ޑަބަލް ސްޓޭޓް" އޮތީމަ ސުއޫދަށް ރައީސް އަކީ ކޮން ބޭފުޅެއްކަން އޮޅުނީ ކަމަށް ވެދާނެއެވެ،"
އުމަރު

އުމަރު ވިދާޅުވީ ރިޟްވާން ގެއްލުނު މައްސަލައިގައި އެމްޑީޕީން ވަނީ ވަރަށް ބޮޑަށް ބޭޒާރުވެ ދޮގުހަދާ ބައެއްކަން ރައްޔިތުންނަށް ހާމަވެފައި ކަމަށެވެ. އަދި ފަސް އަހަރު ވަންދެން އެމްޑީޕީން ރައްޔިތުންނަށް ބުނެދެމުން ގެންދިޔައީ ރިޟްވާން ވަގަށް ނެގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށާ، އޭނާ އަކީ ރިޕޯޓަރެއްކަމުން، ކޮންމެވެސް ބޮޑު މައުލޫމާތެއް އޭނާއަށް ލިބިގެން އެކަން ފޮރުވަން ރައީސް ޔާމީން ކުރެއްވި ކަމެއް ކަމަށެވެ.

މަރުކޮމިޝަނުން ތަހުގީގުކުރި ރިޟްވާންގެ ތަހުގީގީ ރިޕޯޓް މަޖިލީސް ރައީސް ނަޝީދު (ކ) އަށް ކޮމިޝަންގެ ރައީސް ސުއޫދު (ވ) އަރުވަނީ

އުމަރު ވިދާޅުވީ އެމްޑީޕީގެ ބޭފުޅުން މި ވާހަކަ އެކިއެކި ޕޯޑިއަމްތަކުގައި ދެއްކެވި އިރު ހީވީ، އެ ބޭފުޅުންގެ ވެރިކަން ފެށޭ ދުވަހު އުދަލި ހިފައިގެން އެމްޑީޕީގެ އިސްބޭފުޅުން، ރައީސް ޔާމީންގެ ގެކޮޅަށް ވަދެވަޑައިގެން، އެގޭ ގޯތިތެރެ ކޮންނަވައި ރިޟްވާންގެ ކަށިގަނޑު ނަގާ އާންމުންނަށް ދައްކާނެ ކަމަށެވެ.

"ނަމަވެސް އަށް މަސް ވަންދެން ތަހުގީގުކުރުމަށްފަހު، ކުރީ ސަރުކާރުން ހޯދި މައުލޫމާތެއް ނޫން އެހެން މައުލޫމާތެއް ނުފެނެއެވެ. އަދި ލަދުވެތި ކަމާއެކު ބުނަންޖެހުނީ، އަޅުގަނޑު އަބަދުވެސް ބުނަމުން އައި ގޮތަށް ރައީސް ޔާމީނާ އެއްވެސް ގުޅުމެއް ނެތޭ އަދި ރިޕޯޓަރަކަށްވުމާ ވެސް އެއްވެސް ގުޅުމެއް ނެތޭ،"
އުމަރު

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ރައީސް ސުއޫދު، ރިޟްވާން ގެއްލިފައިވާ މައްސަލައިގެ ޑްރާފްޓް ރިޕޯޓު، ނަޝީދަށް އެރުއްވީ ހޯމަ ދުވަހުއެވެ. އަދި އެ ރިޕޯޓު މަޖިލީހުގެ ޕީޖީ ލީޑަރުންނަށް ދިން ފަހުން، އެ ރިޕޯޓުގައި ސިއްރު ހެކިވެރިންގެ މައުލޫމާތު ހުރިކަމަށް ބުނެ ބައެއްފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

ނަމަވެސް، ނަޝީދު ވަނީ އެވާހަކަތައް ދޮގުކުރައްވައި، ސިއްރު ހެކިވެރިންގެ މައުލޫމާތު ނެތްކަމަށް ވިދާޅުވެފައެވެ. އަދި އެ ރިޕޯޓު ލީޑަރުން ލީކު ނުކުރައްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.