އެސްޓީއޯއިން ވިއްކާ އިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުތައް ހެޔޮ ކޮށްފިއެވެ.

އެސްޓީއޯއިން ބުނީ އިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުހެޔޮ ކުރުމުގެ ބޭނުމަކީ އިމާރާތް ކުރުމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުން ތަކަށް ހައްލެއް ހޯދައި ދިނުމަށް އެހީތެރިވެ ދިނުމާއި، ކުދި އަދި މެދު ފަންތީގެ ވިޔާފަރިތައް ކުރިއެރުވުމަށް މަގުފަހި ކޮށްދިނުމާއި، އަދި ހާއްސަ ގޮތެއްގައި އާއްމު ރައްޔިތުންނަށް އިމާރާތް ކުރުމުގެ ސާމާނު ބާޒާރުގައި ހެޔޮ އަގެއްގައި ލިބޭނެ ފުރުސަތު ތަނަވަސް ކޮށްދިނުން ކަމަށެވެ.

"އެސްޓީއޯ ކޮންސްޓްރަކްޝަންއިން ވިއްކާ އިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުތަކަށް ވަނީ ވަރަށް ހެޔޮ ބަދަލުތަކެއް ގެނެވިފައި" އެސްޓީއޯ

އެ ކުންފުނިން ވަނީ ހިލަ، ހިލަވެލި، ހިމުންވެލި، ސިމެންތި އަދި ދަގަނޑުގެ ބާވަތްތަކުގެ އަގު ހެޔޮކޮށްފައެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން ސާމާނު އެތެރެކޮށް، ވިއްކަމުން ދާ އެސްޓީއޯ ކޮންސްޓްރަކްޝަންއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އަދި އަގުހެޔޮ މުދާ ލިބޭނެ ގޮތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހަމަޖައްސައި ދިނުމަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެ އިތުރުން، އިމާރާތް ކުރުމަށް ބޭނުންކުރާ މައިގަނޑު ބާވަތްތަކުގެ އަގުތައް ބާޒާރުގައި އެއް ހަމައެއްގައި ހިފެހެއްޓުމަކީ ވެސް އެސްޓީއޯގެ މުހިއްމު އަމާޒެއް ކަމަށް އެކުންފުނިން ބުނެއެވެ.