ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ އިތުރު މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަށް ނިންމައިފިއެވެ.

މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ހަސަން އަލީގެ މައްސަލައެއް ބަލަން ނިންމާފައި ވާއިރު، އެއީ ކޮން މައްސަލައެއް ކަމެއް ނުވަތަ އެ މައްސަލައާ ބެހޭ އިތުރު މައުލޫމާތެއް އެ ކޮމިޝަނުން ހާމަ ކޮށްފައެއް ނުވެއެވެ.

މީގެކުރިން ވެސް ޖޭއެސްސީން ވަނީ ފަނޑިޔާރު ހަސަން އަލީގެ މައްސަލައެއް ބަލަން ނިންމައި، އެކަމަށް ވަނީ ކޮމެޓީއެއް އެކުލަވާލާފައެވެ. އަދި މިއަދު ބެލުމަށް ނިންމި ފަނޑިޔާރު ހަސަން އަލީގެ މައްސަލަ ބެލުމަށް ޖޭއެސްސީން ފޮނުވާފައި ވަނީ ކުރިން އެކުލަވާލާފައިވާ ކޮމިޓީއަށެވެ. އެ ކޮމެޓީގައި ހިމެނެނީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އަދި އެ ކޮމިޝަންގެ މެމްބަރު މުހައްމަދު އީސާފުޅުގެ އިތުރުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތެވެ.

މިއަދު ޖޭއެސްސީއިން ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަންގެ ސެކްރެޓްރީ ޖެނަރަލްގެ މަގާމަށް މއ. ޗަނބޭލީވިއު އިޒްމީރާ ޝިހާމް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން މިއަދިގެ ޖަލްސާގައި، ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މައްސަލަ ބެލުމާމެދު ގޮތް ނިންމާ ކޮމެޓީއެއް ވަނީ އެކުލަވާލާފައެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި ކޮމިޝަންގެ މެންބަރުން ކަމަށްވާ އަބްދުލްރައޫފް އިބްރާހިމާއި އަބްދުލްމާނިއު ހުސެއިންނެވެ.

ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވީ އިއްޔެއެވެ.