ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވެފައި ވީނަމަވެސް މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށް މިފްކޯ ހިންގަމުން އަންނަ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ވަރަށް ބޮޑަށް ދަށްވެފައި ވާތީ، މަސް ބޭރު ނުކުރެވުމާ ގުޅިގެން ހޮރައިޒަން، މާންދޫއަށް މަސް ގަންނަ މިންވަރު ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެ ކުންފުނިތަކުން ވަނީ ބުނެފައެވެ.

ނަމަވެސް އަމްރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ބޮޑުތަނުން ދަށްވެފައި ވީނަމަވެސް މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގަށް ބަދަލެއް ނުގެނެސް ބާނާ ހުރިހާ މަހެއް ގަންނަމުން ދާ ކަމަށެވެ.

ހޮރައިޒަން، މާންދޫއަށް މަސް ގަންނަ މިންވަރު ކޮންޓްރޯލް ކުރުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމާއި ނުރުހުން ފާޅުކޮށް އެ ކުންފުނިތަކަށް ފާޑުކިޔަމުންނެވެ، އެ ކުންފުނިތަކުގެ މަސް ރައްކާ ކުރާ ހުރިހާ ސްޓޯރެއް ފުރިފައި ވާއިރު އެ ކުންފުނިތަކުން ބުނެފައިވަނީ ގަންނާނީ ކޮންމެ ދޯންޏަކުން މަސް ޓަނެއް ކަމަށެވެ.