އަވަށްޓެރި އިންޑިއާގެ ބެންގަލޫރަކީ ދިވެހިންނަށް ބީރައްޓެހި ސިޓީއެއް ނޫނެވެ. ބެންގަލޫރުގެ ތުންގަނާގަރު މެއިން ރޯޑުން އެންމެ ފަހަރަކުވެސް ދުއްވާލި މީހެއްގެ ހަނދާނުގައި ޔަގީނުންވެސް ހަރުލާނެ އެއް ކަމެއް އެބައޮތެވެ. އެއީ އެ މަގުގައި ދުއްވަންޖެހުނު ދަތި ހާލެވެ. ވަޅުގަނޑުތަކަށް ޖެހެމުން، އުފުލެމުން، އަނެއްކާވެސް ވަޅުގަނޑުތަކަށްޖެހެމުން ގޮސް މަގު ނިންމާލި ވޭންހުރި ތަޖުރިބާގެ ރިހުންތައް އަދިވެސް މުޅިން ނުފިލާއޭ ދެންނެވިދާނެއެވެ.

އިންޑިއާގެ މަގުތަކުގައި ހެދިފައި ހުންނަ މިފަދަ ވަޅުގަނޑުތަކުގެ މައްސަލައަކީ އެގައުމުގެ އާންމު ރައްޔިތުންނަށްވެސް އިންތިހާއާއަށް ބޮޑުވެފައިވާ މައްސަލައެކެވެ. ނަމަވެސް އެއްވެސް ސަރުކާރެއްގައި މިކަމަށް ހައްލެއް ހޯދާދެވިފައެއް ނުވެއެވެ. ގިނަ އެކްސިޑެންޓްތަކެއްގެ އަސްލަކީވެސް މިއީ ކަމަށްވާއިރު، އެކި މީހުން ދަނީ ފަރުދީ ފެންވަރުގައި މިކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. ބައެއް މީހުން އެ ވަޅުގަނޑުތަކަށް ސިމެންތި އަޅާއިރު، އަނެއް ބަޔަކު އެ ވަޅުގަނޑުތަކުގައި ގަސް އިންދައިގެން، ދުއްވާ އެއްޗިހި އެ ވަޅުގަނޑުތަކުން ސަލާމަތްކުރެއެވެ. މިގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް، ފަރުދަކު މިވަނީ މި މި ވަޅުގަނޑުތަކުގެ މައްސަލާގައި އާދަޔާ ހިލާފު ގޮތަކަށް ސަމާލުކަން ހޯދާފައެވެ. މިފަހަރު މުޅި ދުނިޔޭގެ ސަމާލުކަން އޭނާ ހޯދިއެވެ.

ސޯޝަލް މީޑިއާގައި ވައިރަލްވަމުންދާ ވީޑިއޯއިން ފެންނަނީ ޖައްވީ ފަޅުވެރިއެއްގެ ސިފަޔަށް ހެދުން އަޅައިގެން، މި ވަޅުގަނޑުތަކުގެ ދިރާސާއެއް ކުރަމުންދާ އެސްޓްރޮނޯޓެކެވެ. އޭނާގެ ހަރަކާތްތައް ހުންނަނީ، ހަނދަށް ގޮސްގެން އުޅޭ ޖައްވީ ފަޅުވެރިއެއްގެ ހަރަކާތްތައް ހުންނަ ގޮތަށެވެ. މަގުމަތީގައި ހެދިފައިވާ ވަޅުގަނޑުތަކާ، ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ނަގާފައިވާ މި މަންޒަރުތައް ފުރަތަމަ ބަލާއިރު އެއީ ހަމަ ހަގީގަތުގައި އިންސާނުން ހަނދަށް ދިޔަކަމަށް ބުނާ ވީޑިއޯގެ މަންޒަރުތަކާ އެއްގޮތް މަންޒަރުތަކެކެވެ.

މިދަނޑިވަޅަކީ، ހަނދުގެ ދެކުނު ތަނޑިއަށް ކާމިޔާބު ކަމާއެކު ޖައްވީ އުޅަނދެއް ޖެއްސުމުގެ އެންމެ ފަހު ވަގުތުތައް އިންޑިއާއިން ގުނަމުންދާ ވަގުތަކަށް ވާއިރު، ގިނަ ބައެއްގެ ސަމާލުކަމަށް ބެންގަލޫރުގެ މަގުމަތީ ވަޅުގަނޑުތަކުގެ އެސްޓްރަނޯޓް މިވަނީ އަރާފައެވެ. މިކަން ކޮށްފައިވަނީ ބެންގަލޫރުގެ އާޓިސްޓެއް ކަމަށްވާ ބަދާލް ނާޖުންދާސްވާމީއެވެ. އޭނާ ވަނީ މީގެ ކުރިންވެސް ޕޮޓްހޯލްތަކުގެ މައްސަލަ، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް އާދަޔާ ހިލާފު އެތައް މަސައްކަތެއްކޮށްފައެވެ.