މާފުށީ ޖަލުގައި ހުރި ގައިދީއަކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް އެމަނިކުފާނުގެ އާއިލާއިން ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާފުށި ޖަލުން އޭނާއަށް ފޯނު ކޯލެއް އައި ކަމަށެވެ. އަދި އެ ފޯނު ކޯލުގައި "ނެކްޓް ޓާގެޓަކީ ރައީސް ނަޝީދު" ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށެވެ. ނާޒިމް ވިދާޅުވީ އެ ކޯލަކީ ދާދިފަހުން ސީރިއާއިން އައި ތަނުން ހައްޔަރުކޮށްފައިވާ “ޖިހާދިސްޓެއްގެ” ފަރާތުން ލިބުނު ފޯނު ކޯލެއް ކަމަށެވެ.
ނާޒިމް ސައްތާރު މިފަދައިން ވިދާޅުވެފައި ވާއިރު، ގެއްލުވާލާފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ރަހީނުކޮށް، ދޯންޏަކަށް އެރުވުމަށް ފަހު އޭނާ މަރާލާފައި ވާކަން މިހާތަނަށް ހޯދި ހެކިތަކުން އެނގިފައިވާ ކަމަށެވެ. އަދި އޭނާ މަރާލީ އަލްގައިދާނެ ރާއްޖޭގެ ގޮފިން ކަމަށެވެ.
ސުއޫދު ވިދާޅުވީ، ރިޟްވާން ކިޑްނެޕްކޮށް މަރާލާފައި ވަނީ ދީނީ މިނިވަންކަމާއި އެހެން ވެސް އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ "މިނިވަން ފިކުރު"ގެ ބަޔަކާއި ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ "ޖިހާދީ ފިކުރު"ގެ ބައެއްގެ ދެމެދުގައި 2010 އަދި 2011 ގައި އުފެދުނު ހިޔާލު ތަފާތުވުން ތަކެއް ޒުވާބަކަށް ބަދަލުވެ، ކުރި ފަޅައިގެން ގޮސްގެން ކަމަށެވެ.
މި ރިޕޯޓުގައިވާ ކަންކަމަށް މަޖިލީހުގައި މިހާރު އަންނަނީ ބަހުސްވެސް ކުރަމުންނެވެ. އަދި މެންބަރުންގެ ވާހަކަތަކުގެ ތެރޭގައި ބައެއް ފަހަރު މަޖިލީހުގެ ރައީސް، ރައީސް ނަޝީދުވެސް ގެންދަވަނީ ރިޟްވާންގެ ރިޕޯޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.