ބާޖެއް ފަރަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑް އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ކ.ހިންމަފުށީ އިރުމަތީފަރާތު ފަރަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފައި ވަނީ، ހިލަ ބަރުކޮށްގެން އިންޑިއާގެ ޓްޓިކޮރިން (ސޫތުކުޅި) ބަނދަރުން ފުރައިގެން މާލެއަށް ދަތުރުކުރި ބާޖެއް ކަމަށެވެ.

މިހާދިސާގެ މައުލޫމާތު މިއަދު 13:54 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުމާއެކު މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އުޅަނދެއް ވަނީ ޑައިވަރުންގެ ޓީމަކާއެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ބާޖު ކަފުޖަހައިގެން ދަތުރުކުރި ޓަގު ބޯޓުގެ ބުރަފަތީގައި ވަލެއް އޮޅި، ޓަގު ބޯޓުގެ އިންޖީނު ހުއްޓިގެންކަމަށް ޓަގު ބޯޓުގެ ކެޕްޓަން އާ ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑުން މައުލޫމާތުދެއެވެ.

މި ބާޖު ފުންކުރުމުގެ މަސައްކަތުގައި ބާޖުގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.