ރާއްޖޭގެ 61 ރަށުގައި ގާއިމު ކުރާ އައުޓްޑޯ ޖިމްގެ ސާމާނު ސަޕްލައި ކޮށްދިނުމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއެކު ސޮއިކޮށްފިއެވެ.

މިއަދު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްގައި ބޭއްވި ރަސްމިއްޔާތުގައި 61 ރަށުގައި ގާއިމ ކުރާ އައުޓްޑޯ ޖިމްގެ ސާމާނު ސަޕްލައި ކޮށްދިނުމާ ބެހޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ މިނިސްޓާ އަހްމަދު މަހްލޫފްއެވެ. އަދި ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް އަހްމަދު (މާއްޓޭ) އެވެ.

މި މަސައްކަތް 90 ދުވަހުގެ ތެރޭގައި ސްޕޯޓްސް ކޯޕަރޭޝަނުން ނިންމަން ޖެހޭއިރު މި މަސައްކަތަށް ގާތްގަނޑަކަށް 8.8 މިލިއަން ރުފިޔާ ހަރަދު ވާނެކަމަށް ބެލެވެއެވެ. އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގާއިމް ކުރާ މމި ޖިމްތަކުގެ ހުރިހާ މަސައްކަތް އެކީ އެކައްޗަކަށް ނިމޭ އިރު އިތުރު 20 ވަރަކަށް މިލިއަން ހަރުވާނެ ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.

61 ރަށުގައި ގާއިމްކުރާ އައުޓްޑޯ ޖިމްގެ ސާމާނު ސަޕްލައި ކޮށްދިނުމާ ބެހޭ އެއްބަސްވުމުގައި ޔޫތް މިނިސްޓާ އަހްމަދު މަހްލޫފް އަދި ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ މައުރޫފް އަހްމަދު (މާއްޓޭ) ސޮއި ކުރައްވަނީ / ފޮޓޯ: ޔޫތް މިނިސްޓާރީ

ޔޫތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ މި ގެނެވޭ ޖިމް ތަކަކީ ފެންވަރު ރަނގަޅު އަދި ރައްޔިތުން ބަލައިގަންނަ ތަންތަނަށް ވުން ކަމަށާއި، ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތު ކަމުގައިވާ ހަށިހެޔޮ އަދި ދުޅަހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމަށް މި މަސައްކަތުގެ ސަަބަބުން ބޮޑު ފަސޭހައެއް ވެގެންދާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ. މިނިސްޓަރު މަހްލޫފް ވިދާޅުވީ، މިހާތަނަށް 60 ރަށެއްގައި ސްޕޯޓްސް ކައުންސިލަރުން އެބަ ތިބިކަމަށާއި އިތުރު 100 ރަށެއްގެ ކައުންސިލަރުން ހޮވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އެ ބައްދަލުވުމުގައި ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން ވާހަކަ ދައްކަވަމުން މާއްޓޭ ވިދާޅުވީ މިއަދަކީ ސްޕޯޓްސް ކޯޕަރޭޝަނުގެ ތާރީހުގައި ވެސް ހާއްސަ ދުވަހެއް ކަމަށާއި، އެއީ އެ ކޯޕަރޭޝަން އުފެދިގެން އައިސް މިއަދުގެ މި އެއްބަސްވުމަކީ ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދެވޭ ފުރަތަމަ ވިޔަފާރީގެ އެއްބަސްވުން ކަމަށް ވާތީ ކަމަށެވެ. އަދި އެއްބަސް ވެވުނު ތާރީހަށް މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން ދޭ ކަމަށާއި އެ ކޯޕަރޭޝަނުގެ އެންމެ ބޮޑު ފޯކަސް އަކީ ކުރިއަށް އޮތް އައިއޯއައިޖީގެ މުބާރާތްތަކުގެ އިންފްރާސްޓްރަކްޗާ ބިނާ ކުރުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުން ކަމަށް މާއްޓޭ ވިދާޅުވިއެވެ.