ޓެކްސްގެ ގާނޫނަށް ގެނައި އިސްލާހާއެކު ޓެކްސްގެ ނިޒާމު އިތުރަށް ހަރުދަނާވާނެ ކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ ޓެކްސްގެ ގާނޫނަށް ގެނައި ބަދަލާއެކު ވިޔަފާރިތަކަށް ވެސް ލުއިވާނެ ކަމަށާ ހަރުދަނާ ޓެކްސްގެ ނިޒާމެއް ގާއިމު ކުރެވިގެން ދާނެ ކަމަށެވެ. އެގޮތުން، ވިޔަފާރިތަކަށް ލުއިވާނެހެން ގެނައި އިސްލާހާހުގެ ތެރޭގައި، ޓެކްސްގެ މައްސަލައެއް އިސްތިއުނާފު ކުރަން ބޭނުންވާ ނަމަ ދައްކަން ޖެހޭ ފައިސާގެ 30 ޕަސެންޓް ދެއްކުމުން އިސްތިއުނާފު ކުރެވޭ ގޮތަށް ބަދަލު ކޮށްފައި ވުން ހިމެނެއެވެ. މިހާރު އޮންނަނީ، ޓެކްސްގެ މައްސަލައެއް އިސްތިއުނާފު ކުރާ ނަމަ، ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދެއްކުމަށް ފަހު އިސްތިއުނާފު ކުރެވޭ ގޮތަށެވެ
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފަައިވާ އިސްލާހުތައް ފާސްކޮށްފައި ވަނީ މިއަދުގެ މަޖިލިސް ޖަލްސާގައި 64 މެންބަރުންގެ ވޯޓާ އެކުއެވެ. މިއުދެ ޖަލްސާގައި މި ގާނޫނަށް ގެނައި އިސްލާހު ފާސް ކުރުމަށްފަހު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށްހެޅުއްވި އިސްލާހު ވެސް ވަނީ ފާސްކޮށްފައެވެ. އެ އިސްލާހަކީ، މީރާގެ ބޯޑާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން އައްޔަން ކުރާނީ މަޖިލީހުގެ ރުހުމާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ނިންމުމެވެ.
އޭގެ އިތުރުން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަކީ ފަސް އަހަރުގެ ދެ ދައުރު ކަމަށް އިސްލާހުގައި ބުނެފައިވާއިރު، މިއަދު ފާސްކުރި އިސްލާހު ރައީސް ތަސްދީގު ކުރެއްވުމާއެކު، 30 ދުވަހުގެ ތެރޭގައި މިހާރުގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމު ގެއްލިގެން ދާނެއެވެ. އަދި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން މަގާމުން ވަކިކުރެވޭނެ އުސޫލުތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ.
ޓެކްސްގެ ގާނޫނަށް މި އިސްލާހުގައި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ބޯޑުގައި ހިމެނޭނީ ވޯޓު ނުދެވޭ މެންބަރެއްގެ ގޮތުގައި ކަމަށް ވަނީ ކަނޑައަޅާފައެވެ. މިހާރު ގާނޫނު އެކުލަވާލާފައި އޮތް ގޮތުން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންއަށް ބޯޑުގައި ނަގާ ވޯޓުތަކުގައި ބައިވެރިވެއެވެ.