ޅ. މާފިލާފުށީގައި އިމާރާތްކުރާ އެމްއެންޑީއެފްގެ ކޮމްޕޮޒިޓް ޓްރޭނިން ސެންޓަރު (ސީޓީސީ)ގެ ފޭސް 1 އެނެކްސް ބިނާކުރުމުގެ މަސައްކަތާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސާއި ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާ ދެމެދު މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ސީޓީސީ ފޭސް 1 އެނެކްސް ބިނާކުރުމުގެ މަަސައްކަތް، 197 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަންޖެހެއެވެ. މި މަސައްކަތުގެ އަގަކީ 16 މިލިއަން ރުފިޔާއެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލެވެ. ސިވެކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ ލެފްޓިނެންޓް ކާނަލް އަހުމަދު ޒުބައިރެވެ.

ސީޓީސީއަކީ އިންޑިޔާ ސަރުކާރުގެ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި ޓްރޭނިން ސެންޓަރު ބިނާކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. މި ޓްރޭނިން ސެންޓަރު އިމާރާތް ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ތެރޭގައި ހިމެނެނީ ޓްރޭނިން ސެންޓާ، އެޑްމިނިސްޓްރޭޓިވް ބްލޮކް، ތިން އެކަމަޑޭޝަން ބެރެކްސް، ފަޔަރިން ޝެޑް، ފަޔަރިން ރޭންޖު، ހެލްތު ޕޯސްޓް، އޮބްސްޓެކަލް ބެލްޓް އަދި ދެ ރެކްރިއޭޝަން ބިލްޑިންގެ އިތުރުން މިތަންތަންނަށް ބޭނުންވާނެ ކަރަންޓާއި ފެނާއި ނަރުދަމާ ނިޒާމެވެ. ކޮމްޕޮސިޓް ޓްރޭނިން ސެންޓަރު ބިނާކޮށް ނިމުމުން، އެތަން ވެގެންދާނީ ސިފައިންގެ ތަމްރީނުތައް ހިންގާ މައި މަރުކަޒުގެ ގޮތުގައެވެ.