މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން މަރާލުމާ ބެހޭ ގޮތުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުގެ ދެވަނަ ޑްރާފްޓްގައިވާ ކަންކަމާ މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް ވިދާޅުވީ، މަރުތަކާ ބެހޭ ކޮމިޝަން އެކުލަވާލުމުގެ އެއް މަގްސަދަކީ ރިޟްވާނަށް ވީގޮތް ހޯދައި، އެކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް، މިފަދަ ކަމެއް މުޖްތަމައުގައި އަލުން ހިންގިޔަ ނުދިނުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުން ކަމަށެވެ. އަދި އެ ކޮމިޝަނުން އެކުލަވައިލި ރިޕޯޓުގައިވާ ކަންތަކާ މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރިޟްވާން ގެއްލުވާލުމާ އޭނާ މަރާލި ގޮތާ ބެހޭ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަރުތަކާ ބެހޭ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދެވެ.

ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިޟްވާން

ރިޟްވާން މަރާލި ގޮތުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ރިޟްވާން މަރާލީ ދޯންޏަކަށް އަރުވާ އޭނާގެ ކަރު ބުރިކޮށްލައިގެންނެވެ. އަދި ރިޟްވާންގެ ކަރު ބުރި ކޮށްލުމަށް ފަހު، އޭނާގެ ހަށިގަނޑު ކަނޑު ފައްތާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެއެވެ.

ރިޟްވާން ރަހީނު ކުރުމަށް އޭނާއަށް ފާރަލާން ފެށި ހިސާބުން ފެށިގެން އޭނާ މަރާލާއި، އޭނާގެ ހަށިގަނޑު ނައްތާލުމާ ހަމައަށްވެސް ތަފްސީލީ މައުލޫމާތު ތަކެއް އެ ރިޕޯޓުގައި ހާމަކޮށްފައި ވާއިރު ކަން ހިނގައި ދިޔަ ގޮތާއި، ކަމުގައި ބައިވެރިވި މީހުން އަދި ތުހުމަތު ކުރެވޭ މީހުންގެ ވެސް ގިނަ މައުލޫމާތުތަކެއް އެ ރިޕޯޓުން އެނގެއެވެ. އެ ރިޕޯޓް ނެރެފައި ވަނީ ރިޟްވާން ގެއްލުނުތާ ނުވަތަ އޭނާ މަރާލިތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ.