މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހުމަދު ރިޟްވާން މަރާލުމަށްޓަކައި އެރުވި ދޯނި ހަމަޖައްސައި ދިން ކަމަށް ރިޟްވާނުގެ މަރާ ބެހޭގޮތުން މަރާލެވިފައިވާ މީހުންނާއި ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ތަހުގީގު ރިޕޯޓުގައި ބުނާ މީހާ، އެކަން ދޮގު ކޮށްފިއެވެ.

އެ ރިޕޯޓުގައިވާ ގޮތުން، ރިޟްވާން މަރާލުމަށްޓަކައި އޭނާ ރަހީނު ކޮށްގެން ރަތް ކުލައިގެ ކާރެއްގައި ގޮސް ޑިންގީއަކަށް އަރުވައިގެން ގެންދިޔައީ ދޯންޏަކަށެވެ. ދީނީ ޖިހާދީ ޖަމާއަތުން އާމްދަނީ ހޯދުމަށް ގެންގުޅޭ މި ދޯންޏަކީ، އއ. އުކުޅަސް މާވަޑިއާގެ، މުހައްމަދު ރާޝިދުގެ ދޯންޏެކެވެ. އަދި މި ދޯނި ހަމަޖައްސައި ދިން ކަމަށް އެ ރިޕޯޓުގައި ބުނަނީ ދީނީ ޖިހާދީ ޖަމާއަތުގެ އޮޕަރޭޝަންތަކުގެ އެންމެ އިސް މީހަކަށް ހުންނަ ސ.ފޭދޫ ގުރަހާގެ އަގްލީލް (ކިޑޫ) އެވެ.

އަގްލީލް މިކަން ދޮގު ކޮށްފައި ވަނީ އޭނާގެ ފޭސްބުކްގައި ޖެހި ސްޓޭޓަސް އަކުންނެވެ. އޭނާ ބުނީ، މަރު ކޮމިޝަނުގެ ރައީސް، ހުސްނުއްސުއޫދު އޭނާއާ ބެހޭގޮތުން ކޮށްފައިވާ ތުހުމަތު ތަކަކީ ދޮގު ތުހުމަތު ތަކެއް ކަމަށެވެ. އަދި އޭނާ އައްޑޫގައި ދިރިއުޅެނީ 2012 ވަނަ އަހަރުން ފެށިގެން ކަމަށާއި، މިކަމާ ގުޅުން ހުރި އެއްވެސް މީހަކާ އޭނައާ އެއްވެސް ގުޅުއްމެއް ނޯންނާނެ ކަމަށް އޭނާ ބުނެއެވެ. ކިޑޫ ބުނީ، މި މައްސަލާގައި ހެކި ދިން މީހަކީ އޭނާއާ ޒާތީ ގޮތުން ޖައްސާލައިގެން އުޅޭ މީހެއް ކަމަށާ، އެއްވެސް ތަހުގީގު އިދާރާއަކުން މިހާތަކަށް އޭނާއާ ސުވާލު ކޮށްފައި ނުވާ ކަމަށް ބުނެ އަގްލީލް ވަނީ އޭނާ މިހުރިހާ ދުވަހު މަސައްކަތް ކޮށްގެން ހޯދި ނަން، އެންމެ މީހެއްގެ ހެކިބަހުގެ ސަބަބުން ވެއްޔާއި މޮޑެލާފައި ވާތީ އެކަން ކުށްވެރި ކޮށްފައެވެ.

https://www.facebook.com/Ahammadhaa/posts/10162817643480112

މީގެ އިތުރުން އަގްލީލް ބުނީ، އޭނާއާ ދެކޮޅަށް ދެއްކޭނެ އެއްވެސް ހެއްކެއް ނޯންނާނެ ކަމަށާ، އެއީ މިކަމަކީ އޭނާއާ އެއްވެސް ގުޅުމެއް އޮތް ކަމަކަށް ނުވާތީ ކަމަށެވެ. އަދި އޭނާއާ ދެކޮޅަށް ހެއްކެއް ލިބިފައިވީ ނަމަ އޭނާ ހައްޔަރު ކުރިތާ އެތައް ދުވަހެއް ވެދާނެ ކަމަށް އަގްލީލް ބުނެއެވެ. އަގްލީލް ބުނީ ރިޟްވާންގެ މައްސަލައަށް މިހާރު އެތައް އަހަރެއް ވެފައިވާ ކަމަށާ، އެ މައްސަލާގައި ހެކިބަސް ދިން މީހާ ހެކިބަސް ދީފައި ވަނީ އޭނާގެ ނަން ހަޑިކޮށްލުމަށް ކަމަށެވެ.

އަހުމަދު ރިޟްވާން އަބްދުﷲ / ފޮޓޯ: ސޯޝަލްމީޑިއާ

މި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، ރިޟްވާން މަރާލީ ދޯންޏަކަށް އަރުވާ އޭނާގެ ކަރު ބުރިކޮށްލައިގެންނެވެ. އަދި ރިޟްވާންގެ ކަރު ބުރި ކޮށްލުމަށް ފަހު، އޭނާގެ ހަށިގަނޑު ކަނޑު ފައްތާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެއެވެ. އަދި ރިޟްވާން ރަހީނު ކުރުމަށް އޭނާއަށް ފާރަލާން ފެށި ހިސާބުން ފެށިގެން އޭނާ މަރާލާއި، އޭނާގެ ހަށިގަނޑު ނައްތާލުމާ ހަމައަށްވެސް ތަފްސީލީ މައުލޫމާތު ތަކެއް އެ ރިޕޯޓުގައި ވަނީ ހާމަކޮށްފައެވެ. އަދި ކަން ހިނގައި ދިޔަ ގޮތާއި، ކަމުގައި ބައިވެރިވި މީހުންގެ އަދި ތުހުމަތު ކުރެވޭ މީހުންގެ ވެސް ގިނަ މައުލޫމާތުތަކެއް އެ ރިޕޯޓުން އެނގެއެވެ. އެ ރިޕޯޓް ނެރެފައި ވަނީ ރިޟްވާން ގެއްލުނުތާ ނުވަތަ އޭނާ މަރާލިތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ.